ކ.ތިލަފުށީގެ ކުނިގޮނޑުން ދުން އެރުން ހުއްޓުވާ އެތަން އެކަށީގެންވާ ފެންވަރެއްގައި މެނޭޖްކުރުމަށް އެކަމަށް ބޭނުންވާ ލޭންޑްފިލް ކޮމްޕެކްޓަރ އެއް ރާއްޖެ ގެނައުމަށް ބަޔަކާ ހަވާލުކޮށްފިއެޗެ.

ތިލަފުށީގެ ކުނިގޮނޑުން ދުން އެރުން ހުއްޓުވާ އެތަން އެކަށީގެންވާ ފެންވަރެއްގައި މެނޭޖްކުރުމަށް އެކަމަށް ބޭނުންވާ ލޭންޑްފިލް ކޮމްޕެކްޓަރ އެއް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި ކޮމްޕެކްޓަރ އަކީ އެމިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި "ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ކ. ތިލަފުށީގެ ކުނިގޮނޑު ރިމީޑިއޭޓް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެތަނުން ދުން އެރުން ހުއްޓުވައި އެކަށީގެންވާގޮތެއްގައި މެނޭޖްކުރުމުގެ މަސައްކަތް ފެށުމަށް ގެނެވޭ ކޮމްޕެކްޓަރ އެއް ކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީ އެވެ. ސަރުކާރުގެ ބަޖެޓުން ޖުމްލަ 9.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ގެނެވޭ މި ކޮމްޕެކްޓަރ ގެނައުމަށް އެމްޓީސީސީ އާއި އެކު އެއްބަސްވެފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވޭތާ 4 މަސްދުވަހުގެ ތެރޭގައި ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީ އިން މަުލޫމާތު ދެއެވެ.

ނަމަވެސް އެއްބަސްވުމުގައި އެހެން އޮތްކަމުގައިވީނަމަވެސް އެމްޓީސީސީ އާއި އެކު މަޝްވަރާކޮށް ނިންމާފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ކޮމްޕެކްޓަރ ރާއްޖެ ގެނެވި އެއަހަރު ފެބްރުއަރީ މަސްތެރޭގައި ތިލަފުށީ ޑަމްޕްސައިޓް އިން ދުން އެރުން ހުއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ވދާޅުވިއެވެ. މި ކޮމްޕެކްޓަރ ރާއްޖެ އަންނައިރު މި އޮޕަރޭޓްކުރާނެ ގޮތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކަމާއި ބެހޭ ސްޓާފުންނަށް ދަސްކޮށް ދީ ޓްރެއިނިންގ ދިނުމަށްޓަކައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްގެ އެހީގައި ކަމާ ބެހޭ މާހިރަކު ރާއްޖެ އައުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އެމިނިސްޓްރީ އިން ވަނީ މައުލޫމާތު ދީފައެވެ.

އެހެންކަމުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭ މި ކޮމްޕެކްޓަރ އޮޕަރޭޓް ކުރަން ފެށިއްޖެނަމަ އެއަހަރު މެދު ތެރޭ ތިލަފުށިން ދުން އެރުން ހުއްޓުވާލެނެއެވެ. މިއާއެކު ތިލަފުށީގައި ޒަމާނީ ފެންވަރުގެ އެއްމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުނި މެނޭޖްކުރެވޭނެ ފުރިހަމަ ނިޒާމެއް ތިލަފުށީގައި ގާއިމުކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ދަނީ ކުރަމުންކަމަށް އެމިނިސްޓްރީ އިން ވަނީ މައުލޫމާތު ދީފައެވެ.