ޕީޕީއެމްގެ ވެރިކަމެއްގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވުމަކީ ޑރ.އަފްރާޝީމް އެންމެ ބޮޑަށް ކުރެއްވި އުއްމީދުކަމަށް އެމަނިކުފާނާއި އެކު އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމަށްވާ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެންބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު (މާވަށު އަޒީ) ވިދާޅުވެއްޖެއެވެ.

އަޒީ މިހެން ވިދާޅުވީ "އަފްރަޝީމޭ ކިޔައިގެން ދޮގުވާހަކަ ދައްކާތީ" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަޒީ ވިދާޅުވީ އަފްރާޝީމް ގިނަކަންކަން އަބަދުވެސް އޭނާ އާއި ޙިއްސާ ކުރެއްވެވި ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ޕީޕީއެމް އިން ވަނީ އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުން ރާއްޖޭގެ ވެރިކަމާއި ހަވާލުވެފައެވެ.

"އެ މަނިކުފާނުގެ ހުރިހާ މަސައްކަތްޕުޅެއްގައި އަޅުގަނޑު ބައިވެރިކުރައްވާ! އެހެންކަމުން އެ މަނިކުފާނު ޢިލްމު ފަތުރުއްވަން ކުރެއްވި މަސައްކަތްޕުޅު އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެ މަނިކުފާނު އީމެއިލްއެއް ހުޅުއްވިޔަސް އަޅުގަނޑު މެދުވެރިކުރައްވާނެ. ޤަރާރެއް، ކުއްލި މައްސަލައެއް ހުށަހެޅުއްވިޔަސް އެ އެއްޗެއް ލިޔުއްވުމާއި ހިއްޕަވައިގެން ޓޭބަލް އޮފީހަށް ވަޑައިގަންނަވާއިރު ވެސް އަޅުގަނޑުގެ ޙިއްޞާ އޮންނާނެ." އަޒީ ލިޔުއްވާފައި ވެއެވެ.

އަޒީ ވިދާޅުވީ އަފްރާޝީމްގެ ޙަޔާތްޕުޅުގެ ގިނަ ކަންކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެއީ ޢީލްމީ އަދި ސިޔާސީ މަސައްކަތްޕުޅުގެ ދާއިރާގައި. ޕީޕީއެމްގެ ވެރިކަމެއްގައި އިސްލާމިކް މިނިސްޓަރކަން ކުރެއްވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އުއްމީދު. އެ މަނިކުފާނުގެ މިނިސްޓަރ ކަމުގައި އެމަނިކުފާނުގެ އަރިހުގައި އަޅުގަނޑު ވެސް މަސައްކަތްކުރާންޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި." އަޒީ ލިޔުއްވާފައިވެއެވެ.

އަޒީ ވިދާޅުވީ އިސްލާމް ދީނަށް އާދަޔާ ޚިލާފު ޚިދުމަތްތަކެއް ކުރެއްވި މި މާތް ޢާލިމު، ޝަހީދެއްގެ ގޮތުގައި ﷲގެ ޙަޟުރަތަށް ދަތުރުކުރެއްވީމާ ވެސް އެ މަނިކުފާނުގެ ނަންފުޅު ބޭނުންކޮށްގެން ތަފާތު ދޮގު ވާޙަކަތައް ފެތުރުމަކީ ވަރަށް އަސަރުކުރާ ކަމެއް ކަމަށެވެ.

"ވީމާ މި ވާހަކަތައް ހަމަ ހިއްސާ ކޮށްލާން އަޅުގަނޑުގެ ޟަމީރު މަޖުބޫރުކުރީ. އެ މަނިކުފާނަކީ ޑިޕްލޮމާ އިން ފެށީގެން ޕީއެޗް ޑީއާ ހަމައަށް ހަމައެކަނި ފިޤުހާއި އުޞޫލުލް ފިޤުހަށް ތަޚައްޞުޞުވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ވާތީ ފިޤުހީ ބައެއް މައްސަލަތަކުގައި އެ މަނިކުފާނާ އެހެން ބައެއް ޢިލްމުވެރީންނާ ޢިލްމީ ގޮތުން ޚިޔާލު ތަފާތުވުމަކީ ޙަސަދަވެރިކަމެއް ކަމަކަށް އެމަނިކުފާނު ދެކެވަޑައެއް ނުގަންނަވާ! އެ މަނިކުފާނަކީ ވަރަށް ދީންވެރި ބޭފުޅެއް. ދުވަހީ ހުރިހާ ކަމެއްގައި ވެސް ސުންނަތަށް ތަބާވާން އަޅުގަނޑަށް އަބަދުވެސް އިރުޝާދު ދެއްވި. އެންމެ ކުޑަމިނުން ސައިކަލަށް އަރާ ކޮންމެ ފަހަރަ ވެސް ދަތުރު ދުޢާ ކިޔައި ﷲ އާ ވަކީލުކުރުމަށް ގިނަގިނައިން އަޅުގަނޑަށް އިރުޝާދުދެއްވި. އެ މަނިކުފާނު ޝަހީދުވުމަކީ ޢިލްމީ ގޮތުން އަޅުގަނޑަށް ލިބުނު ދުވަހަކުވެސް ފޫނުބެއްދޭނެފަދަ ބޮޑު ގެއްލުމެއް. މާތް ﷲ އެ މާތް މަރުޙޫމްގެ ފުރާނަފުޅަށް ފިރުދައުސްގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ!" އަޒީ ލިޔުއްވާފައިވެއެވެ.

އަފްރާޝީމް އަވަހާރަވިއިރު އަޒީ އާއި އަފްރާޝީމް އަކީ ޕީޕީއެމް ތަމްސީލް ކުރައްވަމުން ގެންދެވި ރައްޔިތުން މަޖިލީހުގެ ދެ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަސްފުޅު

    ދީނީ ހިޔާލުތަފާތުވުމަކީ ހިނގާނެކަންކަން. މާތް ﷲ ޑރ.އަފްރާޝީމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާ އާއިލާ އާއި ރަހުމަތްތެރިންނަށް ސާބިތުކަމާއި ކެތްތެރިކަންދެއްވާށީ. އާމީން

    100
  2. މިނާ

    އެއްޢިލްމުވެރިޔަކު އަނެއް ޢިލްމުވެރިޔަކާ ޚިޔާލްތަފާތުވުމަކީ އޮންނަކަމެއް.ދީނީ ގޮތުންނާ ދުންޔަވީ ގޮތުންވެސް ޚިޔާލް ތަފާތުވުމަކީ ވެދާނެ ކަމެއް. އެއީ ކޮންމެ މީހަކީ ތަފާތުމީހެއްކަމުން. އެއްމޭޒް ދޮށަށް ގޮސް ވާހަކަ ދައްކައިގެން ކަންކަން ޙައްލުކުރުމަކީ އެއްމެ ބުއްދި ވެރިގޮތެވެ.އެއްވެސް ކަމަކާ ނުލާ އެއްވެސް އިންސާނެއްގެ ފުރާނަ ދުއްވާލުމަކަށް އިސްލާމްދީނުގައި ނޮއޮންނާނެ.

    45
    1
  3. އަހޫ

    ބަލަ ހަރަދު ކުރި މީހުންނަކީ ދީބާޖާ

    32
    1
  4. ހިއްސާ

    މިއީ ހަގީގަތުގަ ވަރަށް ދެރަކަމެއް. ފާޑުފާޑުގެ ގޮތްގޮތަށް ޝޭޙް އަފްރާޝީމް ގެ ވާހަކަ ދެއްކުމަކީ އެމަނިކިފާނުގެ އާއިލާ އަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް. ނަފްސާނީ އެތަށް ވައްތަރެއްގެ ބަލި މިހާރު އެބައެނގޭ އެފަދަ ބަލަތަކަށް އާއިލާ ހުށަހެޅޭނެ ކަމެއްމީ. މިފަސްގަނޑުގަ ދިވެހި ފުލުހުންނަށް ނުކުރެވުނު ތަޙްޤީގެއް އެހެން ބަޔަކަށް ނުކުރެވޭނެ. އެހެންބައެއް އަތުގަ އެވަސީލަތެއްވެސް ނެއް. ހީވާ ހީވުމަށް، ބުންޏޭ ބުންޏޭ އަކަށް މީހެއްގެ މައްޗަކަށް ދަޢުވާ އެއް ނުކުރެވޭނެ.

    49
  5. ސިދާތާ

    ދީނުގެ ހަފޮޅުން ބޭރުވެފަ ހުރި މުރުތައްދެއްގެ ވާހަކަ.

    2
    23
  6. އިބްރާ

    ޑޮކްޓަރ އަފްރާޝިމްގެ އާއިލާއިން ޤަބޫލް ނުކުރިނަމަވެސް ޑރ ގެ މަރުގެ ފަހަތުގައި ވަނީ ކޮންބައެއްކަން ތަސައްވަރު ކުރެވިދާނެއެވެ. ޑރ އަވަހާރަކޮށްލިއިރު މަޖިލިސްގައި ޑރ ވާހަކަ ދައްކަވަން ފެއްޓެވުމުން ފުންމަފުންމައިގެން ޑރ އާއި ދިމާއަށް އައިސްފައިވަނީ ކޮންބައެއްތޯ ބައްލަވާށެވެ. ޑރ ގެ ވާހަކާގައި ސީދާ ރައްދު ދެއްވާފައިވަނީ ކޮންބަޔަކަށްތޯ ބައްލަވާށެވެ. އަދި ޑރ. އަވަހާރަކޮށްލިދުވަހުގެ ޖެހިގެންއައި ދުވަހު އެކަން ހިންގިމީހުން ވީތަން އެނގޭކަމަށް ބުނި މީހުން ކޮބައި ހެއްޔެވެ؟ ޑރ އަވަހާރަ ކޮށްލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހްޤީޤަށް އެނގިފައިވާ މީހުންނާއި، އެމީހުން ޝަރީޢަތުން ސަލާމަތްކުރަން އުޅުނުމީހުންނާއި ، ތަހުގީގަށް ފާހަގަމީހުންނަށް ވަޒީފާދީ ހިމާޔަތްކުރިމީހުން ނިސްބަތްވާ ޕާޓީއަކީ ޑރ މަރުގެ ފަހަތުގައިވާމީހުންކަމަށް ނިންމިދާނެއެވެ. މިހުރިހައިކަމެއް އިއްތިފާގަކަށް ވުމަކީ ވެދާނެކަމެއްނޫނެވެ.

    21
    1
  7. ލަމޭރުޖީ

    ތިޔަބުނާހާ ކައިރިނަމަ އެބޭފުޅާއަށް އަންނަ އެކި ޒާތުގެ ހަމަލާތަކުގެ ވާހަކަވެސް ހިއްސާކުރައްވާނެތާ. އެހެންވިއްޔާ އެކަހަލަ ކަންކަން އެނގިފަހުރި މިންވަރަކުން ތަހުގީގަށް މައުލޫމާތު ދެއްވަން ފެނޭ.

    9
    3
  8. ޚާސް

    ދީނީ އެއްވެސް ބޭފުޅަކު ޑޜ.އަފްރާޝީމް އަވަހާރަކޮއްލައްވަން ބޭނުމުއްނުވާނެކަން އެއީޔަގީންކަމެއް. އެއީ އެއްވެސް މުސްލިމަކު އަނެއްމުސްލިމާ ކުށެއްކުރެވިގެން ތައުބާވެގެން އައީމަ އެމީހަކު މަރާލާކައް ހަމަނުކެރޭނެ. އެފަދަކަމެއްކުރާނީ ތަންދޮރުނުދަންނަ ބޮޑު ޖާހިހުން.

    5
    1
  9. ޙަބަރުގެޔާ

    މުސްލިމަކު މުސްލިމެއް ނުމަރާނެ އަފްރާސީމަކީ ފުރިހަމަ ނަމޫނާ މުސްލިމެއް އޭނަގެ މަރުގައި ބައިވެރިވި މީހުންގެ މައްޗަށް މާތް ރަސްކަލާނގެ ލައުނަތް ލައްވާށި

  10. ރޮނޑާ

    އަފްރާޝީމު އަވަހާރަ ކޮއްލުމުގައި ބައިވެރި ވީ މަގާމުގެ ދަހިވެތި ކަމުގައި ބުނުމުގެ ފުރުސަތު އެބައޮތް. ޝަހީމު ބުނަނީ ކީކޭ ބާ.

    2
    3