މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން އާއި ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރުމަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަތުމުން މިނިސްޓަރާއި ސުވާލު ކުރުން މިއަދު ކުރިއަށް ނުގެންދެވިގެން މިނިސްޓަރާއި ސުވާލު ނުކޮށް ޖަލްސާ ކުރިއަށް ގެންދަން ފަށައިފިއެވެ.

މެމްބަރު އަލީ މިނިސްޓަރާއި ކުރައްވަން ހަމަޖެހިފައިއޮތް ސުވާލަކީ ބ.ކެންދޫ، ދަރަވަންދޫ އަދި ކަމަދޫގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަކީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތްތަކަކަށް ވާއިރު އެ މަސައްކަތްތައް ފެށޭނީ ކޮން ތާރީޚެއްގައިތޯއެވެ.

ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވި މެމްބަރު ހާޒިރުވެވަޑައިނުގެންނެވުމުގެ ސަބަބުން އެޖެންޑާގެ އެބައި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

މެމްބަރު އަލީ ހުސައިން މިއަދު މަޖިލީހަށް ވަޑައިގަންނަވާތޯ ރިޔާސަތުން ވަނީ 12 މިނެޓު މަޑުކުރައްވާފައެވެ. ނަމަވެސް އަލީ ހުސައިން ޖަލްސާ އަށް ވަޑައިގެންފައެއް ނުވެއެވެ.

މިއީ މެންބަރަކު ޖަލްސާއަށް ހާޒިރުވެ ވަޑައިނުގަތުމުން މިނިސްޓަރަކާއި ކުރަން އޮތް ސުވާލެއް ކެންސަލް ކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.