ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ މައްސަލަ ބަލަމުން ގެންދަވާ އިސް ފަނޑިޔާރު ގާޒީ އަލީ ރަޝީދު ބެންޗުން ދުރުކުރުމަށް އިދިކޮޅު ޕީއެންސީ އަދި ޕީޕީއެމް ހިމެނޭ ކޯލިޝަނުން އިލްތިމާސްކޮށްފިއެެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ހުށަހަޅައިފައިވާނޭ ކަމަށާއި އެހެން ކަމުން އެމައްސަލަ ނުބަލައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި އަލީ ރަޝީދު އިން އިރު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަލީ ރަޝީދަށް އެތާ އިނދެވޭނެ ކަމަކަށް. އެންމެ ފަހު ވަގުތުގައިވެސް އަޅުގަނޑުމެން ޖޭއެސްސީ އަށް ގޮވާލަން، އަލީ ރަޝީދު މާދަމާ މި ޝަރީއަތް ފެށުމުގެ ކުރިން އެ ބެންޗުން ނަންގަވައިދެއްވައި އެހެން ބެފުޅަކު އެބެންޗުގައި ބައިންދަވާދެއްވާށޭ" އަދުރޭ ވިދާޅުވިއެވެ.

އެގޮތުން ހުށަހަޅައިފައިވާނީ އަލީ ރަޝީދު ޝަރީއަތް ބެއްލެވުމާއި ހަވާލުވެވަޑައިގެން ހުންނަވައި "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދެއްވި މައްސަލަ ކަމަށާއި އެއްވެސް ޝަރީއަތެއް ބައްލަވަމުން ގެންދަވާ ފަނޑިޔާރަކަށް މީޑިއާތަކަށް މައުލޫމާތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ޖޭއެސްސީ އަށް ހުށަހެޅުމުން އެމައްސަލަ ނުބަލައި ދޫކޮށްލާފައިވާކަމަށާއި، ފަނޑިޔާރެއްގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެމައްސަަލައެއް ބެލެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ އިއްޔެ ކޯޓަށް ވަޑައިގެން އަލީ ރަޝީދު އާއި ބައްދަލު ކުރައްވަން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް ގާނޫނުގައި މައްސަލަ ބަލަމުން ގެންދަވާ ފަނޑިޔާރަށް އެފަދަ އެއްވެސް ފަރާތަކާއި ބައްދަލު ނުކުރެވޭ ގޮތަށް އޮތުމުން އެކަން ކާމިޔާބުވެފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ ރަޖިސްޓްރާ އަށް މައްސަލަ ހުށަހަޅައިފައިވާކަމަށާއި އެހެން ނަމަވެސް އެކަމަށް ޖަވާބުދާރީ ވާން ބޭނުން ނުވާކަމަށް އަލީ ރަޝީދު ވިދާޅުވި ކަމަށެވެ.

މީގެ ކުރިން އެއްގައިވެސް އިދިކޮޅުން ވަނީ ގާޒީ އަލީ ރަޝީދު ހުންނަވަނީ ވަރަށް ބޮޑަށް ވަކި ކޮޅަކަށް ޖެހިވަޑައިގެން ކަމަށް ވިދާޅުވެފައެވެ.

މާދަމާ އޮންނަނީ ރައީސް ޔާމީން ޝަރީއަތުގެ ހުކުމް އިއްވުމެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މިހާތަަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު އެމްއެމްޕީއާރުސީ ހިޔާނާތުގެ ދައުވާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އދލ

    ގާޒީ އަލީ ރަޝީދަށް އަޅުގަނޑުގެ ފަހުގެ އިލްތިމާހަކީ މަނިކުފާނޭ ހުކުމް ކުރާށޭ މަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް، އެކަމަކު އެހުކުމުގެ ސަބަބުން ގިޔާމަތް މަހުޝަރު ދުވަހުން މުޅި އުމުރަށް ނަރަކައިގެ އެންމެ އަޑީގައި ގަދަވޭނުގައި، ދޮހާއި ކުނިލެޔާއި ބޯންދެވި އޮންނަން ޖެހޭ ފަދަ ނާއިންސާފު ހުކުމެއް ނުކުރައްވައްޗޭ! އަދި ހަމައެހެންމެ ދުނިޔެ މަތީގައި ދާއިމީ ލައުނަތަކަށް ވާފަދަ މުސީބަތަކަށް ހުށަހެޅޭ ވަރުގެ ހުކުމެއް ނުކުރައްވައްޗޭ! މާދަން ކޮށްލެވިދާނެ އެކަމަކު ފަހުން ހިތާމަ ކުރަންޖެހޭނެކަން ހަނދާނުގައި ބަހައްޓަވައްޗޭ!

  2. ރައްޔިތުން??????

    ކަލޭ ބުނާހާގޮތަކަށް ހަދާކަށްނުޖެހޭ. ކަލޭމެންގެ ބާޜުއޮތްދުވަހު ހުޜިހާކަމެއް ކަލޭމެންނަށް އޯކޭ. ޞަދޫމުގެ ހުކުންތަށްވެސް އޭޜު އޯކޭ. ?⛵??