ގދ.ރަތަފަންދޫގައި ހިންގި ދެ މާރާމާރީއަކާ ގުޅިގެން އަށް މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 24 އަދި 25 ވަނަ ދުވަހު ހިނގާދިޔަ އެ ދެ މަރާމާރީގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ.

ފުލުހުން ވިދާޅުވީ، މި ދެ މާރާމާރީއާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހުގެރޭ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދެ މީހަކާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 24 އަހަރުގެ ދެ މީހެއްގެ އިތުރުން 26 އަދި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

ފުލުހުން ވިދާޅުވީ، މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހަކު ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށާއި، އަދި 20 އަހަރުގެ އެކަކާއި 24 އަހަރުގެ މީހާ އަށް 7 ދުވަސް، 23 އަހަރުގެ މީހާ އަށް 6 ދުވަސް އަދި 20 އަހަރުގެ އަނެއް މީހާ އަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.