ކަނޑައަޅައިފައިވާ މިންވަރަށްވުރެ ބާރަށް ވެހިކަލް ދުއްވާ މީހުން މިހާރު ޖޫރިމަނާ ކުރަމުން އަންނަ އަދަދަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ދަރުރު ފަތުރުކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅި އިސްލާހުގައި ވާގޮތުން ކަނޑައެޅިފައިވާ މިންވަރަށްވުރެ ބާރަށް ދުއްވާ މީހުން 2000 ރުފިޔާ އާއި ހަމަޔަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެބިލުގެ ދަށުން ކަނޑައަޅާ މިންވަރަށްވުރެ ބާރަށް ވެހިކަލް ދުއްވުމަކީ މަނާކަމެކެވެ.

އެ އިސްލާހުގައިވާ ގޮތުން ބާރަށް ދުއްވާ މީހަކު ފުރަތަމަ ޖޫރި މަނާ ކުރެވޭނީ 1000 ރުފިޔާ އަށެވެ. އަދި ދެވަނަ ފަހަރަށް 1،500 ރުފިޔާ، ތިންވަނަ ފަހަރު 2000 ރުފިޔާ އިން ޖޫރިމަނާކޮށް 15 ދުވަހުގެ މުއްދަތަށް އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވަނީ ހިމަނާފައެވެ.

މީގެ ކުރިން ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރަށް 500 ރުފިޔާ ދެވަނަ ފަހަރަށް 750 ރުފިޔާ އަދި ތިންވަނަ ފަހަރަށް 1000 ރުފިޔާ އަށެވެ. މީގެ ކުރިން ބާރަށް ދުއްވައިގެންފުލުހުންގެ ބެލުމުގެ ދަށަށް ވެހިކަލް ގެންދިއުމެއް ނޯވެއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުމަކީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކު، ވެހިކަލް ދުއްވުމުގައި ހިނގާ އެކްސިޑެންޓްތައް މަދުކޮށް މަގުތަކަކީ އަމާން ތަންތަން ގޮތުގައި ހެދުން ކަމަށް، މެންބަރު ޔާސިރު ވަނީ ވިދާޅުވެފައެވެ. މި ބިލް ފާސްވެއްޖެ ނަަމަ "ރޯޑް ސޭފްޓީ" ކައުންސިލްގެ ނަމަުގައި ކައުންސިލެއް އުފައްދާނެއެވެ.

ބާރަށް ދުއްވާ މީހުންނަށް ދެވޭ އަދަބު ބޮޑު ކުރުމަށް ހުށަހެޅުމުގެ އިތުރުން، ވަންވޭ އާއި ދެކޮޅަށް ދުއްވާ މީހުން ވެސް އެ އިސްލާހުގެ ދަށުން 500 ރުފިޔާ އާއި 1،500 ރުފިޔާ އާއި ދެމެދު ޖޫރިމަނާ ކުރުމަށް އެ އިސްލާހުގައި ހިމަނާފައި ވެއެވެ.

ކޮންމެ ހަފްތާއަކު ފުލުހުން ނެރޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުވަހެއް ދުވަހަކަށް އެކްސިޑެންޓްތައް ހިނގަމުން އަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ބާރަށް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބޯ

    ބަރާބަރު ކަމެއް.

  2. އިއްބެ

    ވ ރަގަޅު ނިންމުމެއް
    ޝުކުރިއްޔާ ނަހުލާ އަށް

  3. ބަހުރު

    އުޅަނދު ހިފަހައްޓާފަ ލާރި ދެއްކީމަ އުޅަނދު ދޫކުރާ ގޮތަށް ހަދަންވީ.. ހަންމަތަކޮށްގެން މިކަން ވާން އޮތީ..

    8
    1
  4. ދުންމާރި

    ވަރަށް ރަނގަޅު ނިންމުމެއް ނުބައި ތަން ތާ ޕާރކް ކުރާ ވެހިކަލް ބެސް 15 ދުވަހަށް ހިފާއްޓާ

    1
    1
  5. ޢީނާޝް

    ވެހިކަލް ނުދުއްވާ ގޮތައް ހަދަންވީނު. އޭރައް އެކްސިޑެންޓެއް ވެސް ނުވާނެ. އެންމެން ހިނގާފަ އުޅުނީމަ ސިއްހަތައް ވެސް ފައިދާ ވާނެ.