މާލެ ދަތުރުކުރި ބޯޓެއްގައި އޮތް މާބަނޑު މީހަކު ހާލުދެރަވުމުން ސިފައިންގެ އެހީގައި މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ރ.އަލިފުށިން ފުރައިގެން މާލެ ދަތުރުކުރި "ފޯރ-ސީ" ނަމަކަށްކިޔާ ބޯޓުން ދަތުރުކުރި 29 އަހަރުގެ މާބަނޑު މީހެއް ހާލު ދެރަވެގެން ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް މާލޭ އޭރިއާގެ އެހީތެރިކަމާއެކު މާލެ ގެނެސްފައި ވާކަމަށެވެ.

އޭނާ މާލެ ގެނެސްފައިވަނީ ސީ އެމްބިއުލާންސްގައި މިރޭ 19:13 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އޭނާ ސީއެމްބިއުލާންސް އަށް ނަގައިފައިވަނީ ކ.ކާށިދޫގެ ހުޅަނގު 12 ނޯޓިކަލް މޭލް ބޭރުގައި ބޯޓް އޮއްވައި ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހަވީރު 15:50 ގައި ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.