މިއަދު ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

ހުދު ސަމާލު ނެރެފައި ވަނީ ޅ.އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މިއަދު މެންދުރު 12:30 އާއި ހަމައަށެވެ.

މޫސުމާއި ބެހެ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.