ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ވަގުތު އިތުރުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެންމެ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ވަގުތު މިއަދު ހަވީރު 16:00 އާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ. ކުރިން ޖޭއެސްސީ އިން ނިންމާފައި އޮތީ މިއަދު މެންދުރު 12:00 އާއި ހަމައަށް ފަނޑިޔާރުކަމަށް ކުރިމަތިލުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށް ވެސް ވާން ޖެހޭނެއެވެ.

ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭއިރު މިހާރު މަގާމުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ ތިން ފަނޑިޔާރުންނެވެ. އެއް ފަނޑިޔާރަކު ސަސްޕެންޑްގައި ހުންނެވިއިރު ތިން ފަނޑިޔާރެއްގެ މަގާމު ވަނީ ހުސްވެފައެވެ.