ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ނިންމައިފިއެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރުމަށް ފެންނަ ކަމަށް ނިންމާފައި ވަނީ، ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން ނިންމީ ފަނޑިޔާރު ޣަނީ ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި ފަނޑިޔާރު ޣަނީ ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މަޖިލީހުން އޭނާ ވަކި ކުރަން ފާސްކުރުމުން، އޭނާގެ މަގާމުން ގެއްލޭނެއެވެ.

އޭނާގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހުއެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔާ ކުރައްވާފަ އެވެ.

އެހެންކަމުން މި ސަރުކާރު ފެށުނު އިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން މިހާރު މަގާމުން ވަކިނުކޮށް ހުރީ ފަނޑިޔާރު ޣަނީ އެކަންޏެވެ.