ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސްއިން ހުނަރުވެރި ދިވެހިން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ "ސެޓްފިކެޓް 1 އިން އާރޓްސް އެންޑް ޑިޒައިން" ކޯހުގެ ފަސްވަނަ ބުރު ރޭ މާލޭގައި ފަށައިފިއެވެ.

މި ކޯސް އިފްތިތާހް ކޮށްދެއްވީ ރޭ ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސްގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި ޝަފީޢުގެ އިތުރުން ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް (އެންސީއޭ) ގެ ކޯޑިނޭޓަރ ޢަލީ އާމިރާއި ޔޫތް މިނިސްޓްރީގެ ޕީއޭ ހުސައިން ޝަރީފް އަދި އެންސީއޭގެ ވެރިން ބައިވެރިވެވަޑައިގެންނެވެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވަނީ ކޯހުގެ ބައިވެރިންނަށް މަރުޚަބާ ދަންނަވައި، އާޓުގެ މުހިންމުކަމާއި ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވާ އާލާކޮށް އެކަންކަން އުގެނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ދިވެހި ސަގާފަތް ދިރުވާ އާލާކުރުމަކީ އަދުގެ ޖީލުގެ ޒިންމާއެއް" ދިވެހި ސަގާފަތައް އިސްކަން ދެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވިއެވެ.

"އާރޓް އެންޑް ޑިޒައިން" ކޯސް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: އެންސީއޭ

އިތުރަށް ޝަފީޢު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށް ގެންދެވޭނީ ސްކޫލްތަކުގެ ކުދިންނަށް ރަސްމީ މަގަކުން މި ހުނަރުތައް ގެންދެވޭނެގޮތްތަކެއް ހެދިގެން ކަމަށެވެ. އަދި މި ކޯހުގެ ބައިވެރިން މި ކޯހުން ހޯދާ އެއްޗަކަށް ވާންވީ ސެޓްފިކެޓް ނޫންކަމަށާއި، ހޯދަންވީ ހުނަރުކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް (އެންސީއޭ) ގެ ކޯޑިނޭޓަރ ޢަލީ އާމިރު ވިދާޅުވީ، މި ކޯހަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސްގެ ވަރަށް ބޮޑު އެއްބާރުލެއްވުމަކާއެކު މާލޭގައި ވަރަށް ފުރިހަމައަށް ބާއްވާ ކޯހެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މި ކޯހުގެ ބައިވެރިންނަކީ މިހާތަނަށް އަޅުގަނޑުމެން މި ކޯސް ހިންގިއިރު ބައިވެރިންގެ ތެރޭއިން އެންމެ ފޮރޗުނޭޓް، އެންމެ ލަކީ ޕާރޓިސިޕެންޓްސް، ފަސްވަނަ ކޯހާ ހިސާބަށް އައިއިރު މި ކޯސް ބައްޓަންވެފައި މި އޮންނަނީ މިޒަމާނުގެ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީ، ކޮލެޖަކަށް ވަޑައިގަތަސް ކްރިއޭޓިވް ފީލްޑްގައި އެންމެ ރަނގަޅަށް އެޅޭނެ އެކަޑެމިކް ފައުންޑޭޝަނާ އެއް ފެންވަރަށް އަޅުގަނޑުމެންގެ ކޯސް ބައްޓަން ކޮށްފައިވާނީ" ކޯހުގެ ލެކްޗަރަރ އެންސީއޭ ގެ ކޯޑިނޭޓަރ ޢަލީ އާމިރު ވިދާޅުވިއެވެ.

މުޅިން ހިލޭ ހިންގާ މި ކޯހަކީ 2013 ވަނަ އަހަރުން ފެށިގެން އެންސީއޭގެ ފަރާތުން ރާއްޖޭގެ އަތޮޅުތަކުގައި ހިންގަމުން އައި ކޯހެކެވެ. އެގޮތުން ހދ.ކުޅުދުއްފުށި، ރ.މީދޫ، ށ.މިލަންދޫ އަދި ލ.ފޮނަދޫގައި ވެސް މި ކޯސް ހީންގާފައިވެއެވެ. މި ކޯސްތަކުގެ އެދެވޭ ނަތީޖާ ފެންނަމުންދާކަމަށާއި މާލޭގައި ހިންގާ މި ކޯހުންވެސް ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރައްވާކަމަށް އެންސީއޭގެ އެޑިޝަނަލް ކޯޑިނޭޓަރ އަޙްމަދު ނާޝިޒް ވިދާޅުވިއެވެ.

"އާރޓް އެންޑް ޑިޒައިން" ކޯސް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު – ފޮޓޯ: އެންސީއޭ

ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އަކީ ޔޫތް މިނިސްޓްރީގެ ދަށުން ހިންގާ ފަންނުވެރިންގެ ބެލެނިވެރި ފަރާތެވެ. ފަންނުވެރިންނާ ގުޅުންހުރި ޕްރޮގްރާމްތަކާއި ހަރަކާތްތައް އެންސީއޭއިން ހިންގަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.