މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ބޭރުގެ ފަރާތްތަކަށް ދައުވަތު އަރުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އަދި އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ދައުވަތު އަރުވާފައި ނުވާނެކަމަށާއި، ނަމަވެސް މި އިންތިޚާބުގައިވެސް އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ދައުވަތު އަރުވާނެކަމަށެވެ.

"އަދި އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ދައުވަތު ނާރުވަން. އަޅުގަނޑުމެން މި އިންތިޚާބުގައި ވެސް އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ދައުވަތު އަރުވާނަން." އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ބާރު ސްޕީޑްގައި ވަމުންދާއިރު، އިންޓަނޭޝަނަލް އޮބްޒާވަރުން ވަޑައިގަންނަވަންވާއިރަށް އެބޭފުޅުންނަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާކަމަށެވެ.

"އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ދައުވަތު އަރުވައި އެ ބޭފުޅުން ވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އަރުވަން." ރިޔާސީ އިންތިޚާބަކީ ޞައްޙަ އަދި ރައްޔިތުން ބަލައިގަންނަ އިންތިޚާބަކަށް ހެދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބާއްވާނެ އެކަށީގެންވާ މާހައުލެއް ރާއްޖޭގައި އެބަ އޮތްކަމަށް ޤަބޫލުކުރައްވާކަމަށާއި، އިންތިޚާބު ހުއްޓުވުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށްވެސް އިލެކްޝަނސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. އިންތިޚާބާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރުމަށް އީސީން ޕާޓީތަކާއި ވަކިވަކިން ބައްދަލުކުރަނ ދިން ދައުވަތު ޤަބޫލުކުރައްވާ ބައްދަލުވުންތަކަށް ހާޒިރުވެފައިވަނީ ޕީޕީއެމްއާއި، އެންޑީއޭ އަދި ޑީއާރުޕީން އެކަންޏެވެ.