ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައި ވަނީ ތިން މީހެކެވެ. އޭގެތެރޭގައި އަލީ ޝާހިދު (ސްޓެޕް އައްޔަ) އާއި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީދު އިބްރާހިމް ހިމެނެއެވެ.

ފުލުހުން އެ މީހުން ދޫކޮށްލަފައި ވަނީ އެމީހުންގެ މަޢުލޫމާތު ނަގައި ނަސޭހަތް ދިނުމަށްފަހު، ހައްޔަރުކުރިތާ އެތައް އިރެއް ވީފަހުންނެވެ. މިއިން އެއްވެސް މީހެއްގެ މައްޗަށް ފުލުހުން ތުހުމަތެއް ކޮށްފައެއް ނުވެއެވެ.

ރޭ އިދިކޮޅު ފަރާތްތަކުން މާލެ ޖަލު ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންދިޔައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ އެ ޖަލުގައެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން ދިޔައީ ރައީސް ޔާމީނަށް އިއްވާފައިވާ ޙުކުމަކީ އިންސާފުވެރި ޙުކުމެއް ނޫން ކަމަށް ބުނެއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ މާލެ ޖަލު ސަރަޙައްދަށް އެއްވުމާއެކު ފުލުހުން ވަނީ އެމީހުން އެ ސަރަޙައްދުން ފައްސާލުމަށް ކެނޑިނޭޅި މަސައްކަތް ކޮށްފައެވެ. މިގޮތުން ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެ މުޒާހަރާ ކުރަމުންދިޔަ މީހުންނަށް އަނިޔާކޮށްފައި ވެސް ވެއެވެ. އޭގެ އިތުރުން މުޒާހަރާ ކަވަރުކުރަމުންދިޔަ ނޫސްވެރިއަކަށް ވެސް ފުލުހުން ހަމަލާ ދިނުމުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދީފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ މުޒާހަރާގެ ތެރެއިން ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެތެރޭގައި ހިމެނޭ އަންހެނެއްގެ އަތް ބިންދައިގެން ގޮސްފައިވާއިރު، ދެން ތިބި ދެމީހުންނަށްވެސް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަރީޝް

    ގޭގަ ބަސްއަހައިގެން ތިބިނަމަ އަނިޔާއެއް ނުވީސްދޯ. ތިމަންނަމެންވަރު ބަޔަކުނެތްކަމަށް ހެދިގެން ގޮސް މީހުންނަށް ބިރުދައްކަން މަސައްކަތްކުރީމަ ގެއްލުންވާނެދޯ.

    3
    19
  2. ކަނަމަނަ

    ޕޮލިހުންނަކީވެސް ހަމަޕަޕަޓުންތަކެއް