ރާއްޖޭގެ އެންމެ ގިނަ ރަށަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފެނަކަ އިންޖިނިއަރުންގެ މަހާސިންތާ މިއަދު ފަށައިފިއިވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗްތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން މިއަދު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމްގައި ފެށި މި މަހާސިންތާގައި ފެނަކައިގެ 152 ބްރާންޗުން ޖުމްލަ 189 ފަންނީ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ފެނަކައިގެ އިސް މުވައްޒަފުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންނަކީ ކުންފުނީގެ މައި ދޮރާށި ކަމަށާއި އެބޭފުޅުން ރެޔާއި ދުވާލު ކުރައްވަމުން އަންނަނީ އަގު ވަޒަން ނުކުރެވޭ ވަރުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި އެބޭފުޅުން ކުރަމުން އަންނަ ބުރަ މަސައްކަތް އެންމެ ދުވަހަކު ވެސް މެދުކެނޑުމެއްނެތި ކުރަމުން ގެންދާކަން މެނޭޖިން ޑިރެކްޓަރ ފާހަގަ ކުރެއްވެވިއެވެ.

ސައީދު ވަނީ މަހާސިންތާ ކުރިއަށްގެންދިއުމަށް އެކި ފަރާތްތަކުން ދެއްވި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

މިއަދު ފެށި މި މަހާސިންތާގެ މަގްސަދަކީ ފެނަކައިން ޚިދުމަތް ފޯރުކޯށްދޭ ރަށްރަށަަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ރަށްރަށުގައި ޤާއިމްކޮށްފައިވާ އިންޖީނުގެތައް ހިންގުމުގައި ފަންނީ ގޮތުން ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްގޮތަކާއިމެދު މަޝްވަރާކުރުމަށްޓަކައި ފެނައިކައިގެ އިންޖިނިއަރުންނާއި ބްރާންޗްތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ފެނެކާ އިން ވަނީ ބުނެފައެވެ.