މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭ ވެހި އެރަށުގެ 20 ގެއަކަށް ފެން ވަދެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އެރަށަށް ވިއްސާރަކުރަން ފަށާފައިވަނީ ރޭ ފަތިހު ކަމަށާއި އޭރުން ފެށިގެން ގަދަޔަށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ 20 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން ގެއަކަށް މީހުން ނޫޅެވޭ ވަރަށް ފެން ވަދެފައިވާ ކަމަށާއި އެގެތަކުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިއަދު ފަތުހިން ފެށިގެން ބޯކޮށް ވާރޭވެހި މިރަށުގެ 20 ގެއަކުން ވަނީ ފެންވަދެގެން ރިޕޯޓު ކޮށްފައި. އޭގެ ތެރެއިންވެސް ތިން ގެއަކަށް މީހުން ނޫޅެވޭ ވަރަށް ފެން ވަނުމުގެ ސަބަބުން، އެގެތަކުގެ މީހުން މިހާރު ވާނީ ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައި." އަބްދުއްލަތީފް ވިދާޅުވިއެވެ.

އަބްދުއްލަތީފް ވިދާޅުވީ، ގެތަކުން ބަދަލުކުރި މީހުން ތިބީ ކައުންސިލްގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި، އެފަރާތްތަކުން ބަދަލުކޮށްފައި ވަނީ ގާތްތިމާގެ މީހުންގެ ގެތަކަކަށް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެއްވެސް އަގުހުރި އެއްޗަކަށް ގެއްލުމެއް ލިބިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށާއި، އެހެން ނަމަވެސް ފެން ވަތް ގޭގޭގެ ގޮދަޑި ފަދަ ތަކެއްޗަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިވާކަމަށެވެ.

އަދި މިހާރު ދަނީ ފެން ހިންކުމުގެ މަސައްކަތް ކުރަމުން ކަމަށާއި، އެގޮތުން އެމްއެންޑީއެފް، ފުލުހުން، އެސްޓީއޯ، ކައުންސިލް އަދި ޕަބްލިކް ވޯކްސް ގުޅިގެން މިހާޜު ފެންހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ވާރޭ ހުއްޓާލައިފައިވާ ކަމަަށާއި، ގެތަކުން ބަދަލުކުރި މީހުންވެސް ފެންހިއްކައި ނިމުމުން އަލުން ގެތަކަށް ގެންގޮސް އާންމު ހާލަތަށް ރަށް ބަދަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ އިރުވައި މޫސުން އަދި ހުޅަނގު މޫސުން ބެދޭ ވިއްސާރައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ މައި އިދާރާ (މެޓް) އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ގުދުރަތީ ނިޒާމާ ކުޅުމަކީ ނުރައްކާ ކަމެއް. ވަގުތީ ފައިދާއަށްވުރެ ފަހުން ވާނެ ތުރާ މާ ބޮޑުވާނެ. ކުޅި ނުހިއްކާށޭ. ރަށުތެރޭ ހެދޭ ފެން ހިނދެނީ ކުޅިއަށޭ، ކުޅި ހަލާކުކޮށްލީމާ ރަށުތެރޭ ފެންބޮޑުވުމުގެ ނުރައްކާ އެބައޮތޭ ގޮވައި އާދޭސްކުރި މީހުން މިއަދު ވެސް އެ ހަނދާން ހުންނާނެ. އެބައިމީހުން އެ ދެއްކި ވާހަކައިގެ ތެދުކަން ކޮންމެސް ބަޔަކު މިއަދު ގަބޫލުކުރާނެ

    6
    7
  2. ބަލީ

    އަލީ މެންނަށް އެގޭވަރު މާބޮޑީ،،، ، ކުޅުދުއްފުށިގަ ދެކޮޅުގަ ކުޅިއާއި ކިލާގަޑުއޮއްވައި މީގެކުރިން ދެފަހަރެއްގެ މަތިން މުޅިރަށުގަފެންބޮޑުވެ ހުރިހާގެއަކަށްފެންވަދެ އޭރު ފަޅުކޮންނަން ގެންގުޅުނު ޖާރާއިން މޫދަށް ކޯރުކަޑައިގެން ރަށުންފެން ހިއްކަންޖެހުނީ ، އަލީ އޭއިރުދުނިޔޭގަ ވެސްނެތް .އަލީ ހީކުރީ ކުޅިއާއި އެއަރޕޯޓާއި ތި މާވެއްޓަކީ އަލީއެކަނި ދަންނައެއްޗެއްކަ މައްދޯ ނޫން ނޫން ؛؛ ތި މާމ މެންގެ ސައިޒާ ނުބައްދަލު ވާހަކަނުދެއްކެވުން އެދެން . ވ.ސަލާ މް .

    5
    2