މިއަދުން ފެށިގެން 20 ދުވަހުގެ މުއްދަތަކަށް ސިވިލް ކޯޓު ރިސެސްއަށް ހިނގައްޖެއެވެ.

ސިވިލް ކޯޓުގެ ޤާޒީންގެ ޢާންމު މަޖިލީހުން 04 ޖަނަވަރީ 2011 ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރ މަހުގެ ފުރަތަމަ 20 ދުވަސްކަމަށްވާތީ މިފެށޭ ޑިސެންބަރު މަހުގެ 1 އިން 20 ގެ ނިޔަލަށް އެއީ ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތައް ކަމުގައި ވަނީ ކަނޑައަޅާފައެވެ،

އެހެން ނަމަވެސް ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތުގައިވެސް ކޯޓުގެ ޓާގެޓަށް ވާޞިލުވުމަށްޓަކައި ޓާގެޓްގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީޢަތްތަކާއި އަވަސްނިޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޒީ ކަނޑައަޅާ ގޮތެއްގެ މަތިން އެމައްސަލަތައް ކުރިއަށް ގެންދެވޭނެކަމަށް އެކޯޓުން ވަނީ މައުލޫމާތު ދީފައެވެ.

ރިސެސްގެ މުއްދަތުގައި ޢާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި ނިމިފައިވާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި ކުރިއަށް ނިންމަންހުރި މައްސަލަތައް ދިރާސާކޮށް ޝަރީޢަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި އަދި ކޯޓުގެ އިދާރީ ޚިދުމަތްތަކާއިބެހޭ ހުރިހާ މަސައްކަތްތަކެވެ. ކޯޓުގެ މިމަސައްކަތްތައް ކުރުން އިދާރީގޮތުން ރިސެސްގެ މުއްދަތުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ދާނޭ އެކޯޓުން ވަނީ މައުލޫމާތު ދީފައެވެ.