ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ޤާނޫނާ ޙިލާފަށް ރައީސް ވަހީދުގެ ސަރުކާރުގައި އުވާލުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ދީބާޖާ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ނެރުނު ޙުކުމް އަލުން މުރާޖަޢާ ކުރަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެ މައްސަލަ އަލުން ސުޕްރީމް ކޯޓުގައި މުރާޖަޢާ ކުރަން ދަޢުލަތުގެ ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން އެކަމާ ގުޅިގެން ނެރުނު ރިޕޯޓާއި ބެހޭގޮތުން މިއަދު ނެގުނު ވޯޓުންނެވެ. އެ ރިޕޯޓު ފާސްވެފައިވަނީ ވޯޓުގައި ބައިވެރި ވަޑައިގެންނެވި 65 މެމްބަރުންގެ އިއްތިފާޤުންނެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި ގެންގުޅުއްވި ސިޔާސަތުގެ ދަށުން އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ދީބާޖާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުން އުވާލީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް، ވަހީދުގެ ސަރުކާރުގައެވެ.

އެ އެއްބަސްވުމުގެ ދަށުން ދީބާޖާ ކުންފުންޏަށް ރިސޯޓެއް ތަރައްޤީ ކުރުމަށާއި ފެރީ ޓާމިނަލްތަކެއް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ. އެ މައްސަލައިގައި ދީބާޖާ އިން ދިވެހި ދަޢުލަތާ ދެކޮޅަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ކުރި ދަޢުވާ ވަނީ އެ ކުންފުންޏާ އެއްކޮޅަށް ނިމިފައެވެ. އަދި އެ ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި، ކޯޓުން ބޭރުން 174 މިލިއަން ރުފިޔާ ދޭން ރައީސް ޞާލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމެޓީއިން ލަފާ ދީފައިވާތީ އެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން އޮތީ ނިންމާފައެވެ. ނަމަވެސް، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިމެނޭ ކަމަށް މާލިއްޔަތު ކޮމެޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވައެވެ.

އެ މައްސަލައިގައި ކޯޓުން ބޭރުން ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން ނިންމާފައި އޮތްއިރު، އަނެއްކާ ސުޕްރީމް ކޯޓުގައި އެ މައްސަލަ މުރާޖަޢާ ކޮށްގެން ދަޢުލަތާ އެއްކޮޅަށް އެ މައްސަލަ ނިމޭނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ބަންޑާރަ ނައިބު ރިފްއަތު، މާލިއްޔަތު ކޮމެޓީގައި ވިދާޅުވިއެވެ. ކޮމެޓީގެ ނިންމުމަށް ތާޢީދުކޮށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭން ހުކުމްކުރި އަދަދަކީ މާބޮޑު އަދަދެއް ކަމަށާއި، އެ ޙުކުމް އަލުން މުރާޖަޢާ ނުކުރަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    މިއޮތް ކަމެއް ދޯ... ތިއީ މަޖިލިހުގެ ރުހުން ބޭނުންވާ ކަމެއްތަ؟ މިއޮތީ ވަރުގަދަ ކަމަކާ ލައިގެންފަ!

  2. ދދދދދދ

    .ހިތްހަމަޖެހޭވަރަށްވުރެ އަދިވެސް ކުޑައީ ދޯ؟

  3. ާައއއއއ

    ހުރިހާ ބާރުތައް މަސްހުނިވެ ނިމިއްޖެ.ކޮންމެ ކަމެއް ނިންމަނީ އެސޮރު، ބަރުލަމާނީ ނިޒާމަކަށްވެ ނިމިއްޖެ! ރައްޔިތުން ތިބީ ނިދީގަ، ގުނބޯ ހެއްދޭނީ މިހާކާވަރަށް.. ނަމުގަ ރިޔާސީ ކަންކުރަނީ ބަރުލަމާނީ ނިޒާމުގެ ތެރެއިން. ﷲ އަޅަމެންނަން ހެޔޮވިސްނުން ދެއްވާށި. އާމީން

  4. ޙާބު

    ޢެހެން އެންގޭތަ؟ ކޮން ޤާނޫނަކު އޮތީ ކޯޓުހުކުމެއް ބަދަލުކުރަން އެނގުމުގެ ބާރު މަޖިލީހަށް ދީފަ؟