އަތޮޅުތެރޭގެ ރަށްތަކުގައި ލަފާފުރުމުގެ ދަތިތަކަށް ހައްލު ކުރުމަށް ސަރުކާރުން ހިންގާ ބަދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 50 ބަދަރެއްގެ މަަސައްކަތް ނިމިފައިވާކަމަށާއި، އަދި މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރިން އިތުރު 27 ރަަށެއްގެ ބަދަރުގެ މަސައްކަތް ނިމޭނެ ކަމުގައި ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ޕްރޮގުރާމެެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ އަތޮޅު ތެރޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީއާއި އަދި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމަކީ ރައީސް ޔާމީން ނުހަނު އިސްކަން ދެއްވާ ކަމެއްކަމަށެވެ. އެގޮތުން ބަނދަރު ހެދުމާއި، މަގު ހެދުމާއި، ނަރުދަމާގެ މަސައްކަތަކީ ރަށްޔިތުން ނުހަނު ބޭނުންވެފައިވާ މަޝްރޫއުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ 50 ރަަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ނިންމައި ހަވާކުކުރެވިފައިވާ ކަމަށާއި، އަދި މިހާރު 27 ރަށެއްގެ ބަދަރުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި މިހާރު މަަސައްކަތް ދާ ސްޕީޑަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރިން މި ބަދަރުތަކުގެ މަސައްކަތްވެސް ނިންމަލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާތަނަށް ރާއްޖޭގެ 50 ރަށެއްގެ ބަދަރުގެ މަސައްކަތް ވަނީ ނިމި ހަވާލުކުރެވިފަ. މިހާރު ކުރިއަށްދާ 27 ބަދަރާއެކީ 77 ބަދަރުގެ މަޝްރޫ ސެޕްޓެމްބަރުގެ ކުރިން ނިންމާލެވޭނެ." މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

އިތުރު މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތްވެސް ބަރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިހާތަނަށް 10 ރަށެއްގައި 49 ކިލޯމީޓަރުގެ މަގު ހެދިފައިވާކަމަށެވެ. މީގެ އިތުރުން މިހާރުވެސް 13 ރަށެއްގައި މަގުހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ހުރިހާ ރަށެއްގެ މަސައްކަތް ނިމުމުން ހުޅުމާލޭގެ މަގު ހެދުން ނުލައި، 96 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރުވެސް 49 ކިލޯ މީޓަރުގެ މަގުވަނީ ހެދިފަ. އެއީ 10 ރަށުގެ. އަދި މިހާރު ކުރިއަށް އެދަނީ އިތުރު ތޭރަ ރަށެއްގަައި މަގުހެދުުގެ މަޝްރޫއު، މާލެވެސް ހިމެނޭ ގޮތަށް. މި ހުރިހާ މަގުތަކެއް ނިމުމުން ސަރުކާރަށް 96 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ނިންމާލެވޭނެ. މިއީ އަދި ހުޅުމާލޭގެ މަގުހެދުމުގެ މަަސައްކަތްވެސް ނުލައި" މިނިސްޓަރ ވިދާޅުވިއެވެ.

ބިންހިއްކުމުގެ މަޝްރޫއަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ ބިން ހިއްކުމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށް ބެލުމަށްފަހު ކަނޑައަޅާ ރަށްތަކުގައި ހިންގާ މަޝްރޫޢުތަކެެއް ކަމަށް. އެގޮތުން މިހާތަނަށް 14 ރަށެއްގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވާކަމާއި، މީގެ އިތުރުން މިހާރުވެސް ބައެއް ރަށްތަކުގައި އެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ރައްޔިތުންނާއި ގުޅުންހުރި މިފަދަ ބޭނުންތެރި ތަރައްގީގެ މަޝްރޫޢުތަކެއް މިހާރު ބަރު ސްޕީޑެއްގައި ކުރިައށްދަނީ ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާއި ޚިކުމަތްތެރި ވިސްނުންފުޅާއި އެކުގައި ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކަށް ބަލައި ގަންނަން އުގަދޫ އެހެން ނަމަވެސް ފެންނަން އޮތް ތަރައްގީ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.