ލޯފަން ކުދިންނަށް ގުރުއާން ދަސްކޮށްދިނުމަށް ހާއްސަކޮށް ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.

ބްރައިލް ވާކްޝޮޕަކީ ލޯފަންކުދިންނަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން މި ސަރުކާރުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ކީރިތިޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އޮކްޓޯބަރ 27 އަހަރު ފަށާފައިވާ ޕްރޮގްރާމެކެވެ.

ޢަރަބި އަކުރުތަކުން ފެށިގެން ޤުރުއާނުގެ ސޫރަތްތައް ކިޔަވާނެގޮތް ވަނީ މި ވާކްޝޮޕުގެ ދަރިވަރުންނަށް އުނގަންނައިދީފައެވެ. ވާކްޝޮޕް ނިމިފައިވަނީ ނޮވެމްބަރ 28 ވަނަ އަހަރުއެވެ.

ޖުމްލަ 9 ދަރިވަރުން ވާކްޝޮޕް ފުރިހަމަ ކޮށްފައިވާއިރު ލޯފަން 6 ކުއްޖަކާއި، މި ދަރިވަރުންގެ އާއިލާގެ ތެރެއިން 2 މެމްބަރަކާއި، ޓީޗަރެއް މީގެ ތެރޭގައި ހިމެނެއެވެ.

މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު މިހާރު ވަނީ ބާއްވާފައެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެއްޓުމުގެ ގޮތުން ވާކްޝޮޕްގެ ދަރިވަރެއްކަމުގައިވާ ހަސަން އިބްތިހާލް ވަނީ ބްރައިލް ބޭނުންކޮށްގެން ކިޔަވާފައެވެ.

ފެނުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ދަސްކޮށްދިނުމަށް ހިންގުނު މި ވާކްޝޮޕްގައި ކިޔަވައިދެއްވީ އަލް ޤާރީ ޢަބްދުލް ރަޝީދު ޢަބްދުލް ޤާދިރުއެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަހްމަދު ރަޝީދު ވިދާޅުވީ މީގެ ކުރިން ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޤުރުއާން އުނގަންނައިދިނުމަކީ ދަތި އަދި ބުރަ މަސައްކަތެއް ކަމަށެވެ.

އަހްމަދު ރަޝީދު ވިދާޅުވީ، އެކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ޢާއްމުގޮތެއްގައި ކަންކުރަމުން އަންނަ އުސޫލަކީ މުދައްރިސް ކައިރީގައި ހުރެގެން ކިޔަވާ އަޑު އަހައިގެންނާއި، ކިޔަވާފައިވާ އޯޑިއޯއެއް އަޑުއަހައިގެން ނުވަތަ މައިންބަފައިން ކިޔާދިނުމުން އަޑުއަހައިގެންކަމަށެވެ.

މީގެއިތުރުން ބްރައިލް ދަސްކުރުމުގެ މުހިއްމުކަމަށް އިޝާރާތްކުރައްވަމުން ރަޝީދު ވިދާޅުވީ، މި ކަމަކީ ހަމައެކަނި ލޯފަންކުދިން ދަސްކުރަން އޮތް ޢިލްމެއް ނޫންކަމާއި، މިފަދަ ދަރިވަރުން ތަމްރީނުކުރުމަށް މުދައްރިސުންނަށްވެސް މިއީ އެހާމެ މުހިއްމުކަމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިނުމާއި ކިޔެވުމުގެ ހުނަރަކީ ދިރުވާ އާލާ ކުރަންޖެހޭ ފަންނެއްކަމަށެވެ. އަދި ނިމިގެން މިދިޔަ ވާކްޝޮޕަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިފަދަ ވާކްޝޮޕެއް އަލަށް ބޭއްވުނުފަހަރުކަމާއި، ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ދެވުނު ފުރަތަމަ ފަހަރުކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ބެލެނިވެރިންނަށްވަނީ ވަރަށް ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ. މިގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިހުމާލުނުވުމަށާއި، ވަރަށް ބޮޑަށް އެކުދިންނަށް ސަމާލުކަން ދިނުމަށާއި، ފަރުވާތެރިވުމަށް ހަނދުމަފުޅުކޮށްދެއްވިއެވެ. ހަމައެހެންމެ މި ވާކްޝޮޕްގެ ބައިވެރިންނަށާއި، ބެލެނިވެރިންނަށާއި، މިކަން އިންތިޒާމް ކުރެއްވި ހުރިހައި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދެންނެވިއެވެ. ޚާއްޞަކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި ނައިބް ރައީސް ފައިޞަލް ނަސީމަށް ބްރައިލް ވާކްޝޮޕް ކުރިއަށް ގެންދިއުމަށް ދެއްވި އިރުޝާދަށާއި ބެހެއްޓެވި ގާތްކަމަށް ވަރަށް ޚާއްސަ ޝުކުރެއްދެންނެވިއެވެ.

މި ވާކްޝޮޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓުގެ އިތުރުން ބައިވެރީންގެ ތެރެއިން ލޯފަން ދަރިވަރުންނަށް އިސްލާމިކް މިނިސްްރީގެ ފަރާތުން ބްރައިލް ޚަތިމް ސެޓެއްވެސްވަނީ ހަދިޔާ ކުރައްވާފައެވެ. މި ތަކެތި ދަރިވަރުންނަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.