ފަށެއް ވިއްކަން ގެޔަކަށް ވަތް މީހެއްގެ ބޯ ފަޅާލައިފިއެވެ.

އޭނާގެ ބޯ ފަޅާލާފައިވަނީ ފިހިގަނޑުން ޖެހުމަށް ފަހުގައެވެ. ފުލުހުން ވިދާޅުވީ މިއަދު މެންދުރު 15:16 ހާއިރު މީހެއްގެ ބޯ ފަޅާލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައިވަނީ ގަލޮޅު ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލިކަމަށް ބުނެ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ ދެ މީހެއް ފަށެއް ވިއްކަން އެ ގެއަށް ވަދެ ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެގޭ މީހެއް، ފިހިގަނޑަކުން ފަށް ވިއްކަން އުޅުނު މީހާގެ ބޮލުގައި ޖެހުމުން ކަމަށެވެ.

ފިހިގަނޑުން ޖަހާ، ބޯ ފަޅާލާފައިވާ މީހާއަކީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް، ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޗައިވާލާ

    ޢެގެއަށް ވަނީ 2 މީހުންތަ؟

    12
  2. ހިސިގިކި

    އޯ ގަދަ

    14
    1
  3. ޙަބަރުގެޔާ

    ތިވާނީ ވަގަށްނަގައިގެން އުޅޭ ފަށެއްކަމަށް

    4
    1
  4. އަހުމަދު

    ސާރވޭ އެއް ކުރާށޭ ކިޔާފައި އިހަށް ދުވަހު ދެމީހަކު އަހަރެމެން ގެއަށް ވެސް އައި އެމީހުން ބުނީ ވިންޓަރ ސޮލިއުޝަނުންނޭ އަހަރެންގެ ދަރިފުޅު ބުނީ އެއް ވެސް ސޮލިއުޝަނެއް ނޯންނާނެއޭ ކިޔާފައި އަވަހަށް ދޮރު ތަޅުލީ .... ކޮންބައެއް ކަން ނޭގޭ މީހުން ގޭގޭގެ ދޮރުގައި ދަނީ ޓަކި ޖަހަމުން ސާރވޭ ހަދަމުން ދޮރު ނުހުޅުވުން ބުއްދިވެރީ