ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ޙުސެއިން ޝަމީމަށް ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޖުޑީޝިއަރީ ކޮމިޓިން ރޭ ވަނީ ޝަމީމްއާއި އިންޓަރވިއުކޮށް އޭނާއަށް ރުހުން ދޭން ފެންނަކަމަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވީ މިނިވަންކަމާ އިންސާފްވެރި ރަނގަޅު ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް ބޭނުންފުޅުވާތީކަމަށެވެ.

ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނުބެލި ލަސްވަމުންދާ މައްސަލާގައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ އެ މައްސަލައަށް ޙައްލެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންވެއްޖެނަމަ އަޅުގަނޑުގެ ތަސައްވުރަކީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓާންޖެހިއްޖެނަމަ ވީހާވެސް ކުރުމުއްދަތެއްގައި އޭނާ ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދިއުން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުގެ ކޮމެޓީން ފާސްކުރިއިރު އޭނާގެ މައްސަލައެއް އޭސީސީ އަށް ވަނީ ހުށަހަޅާފައެވެ.

ޝަމީމާއި ގުޅޭ ގޮތުން ހުށަހަޅާފައި ވަނީ ކުރިން އޭނާ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒުން، މައްސަލައެއްގައި ދައުވާ ނުކުރަން ޝަމީމް ނިންމެވި ކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް އެނާގެ މައްޗަށް ކުރެވޭ ތުހުމަތު ޝަމީމް ވަނީ ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނަމަނަ

    ޢުޝާމް އަކީ ކިޔަވައިގެން ހުއްޓަސް މިހާރުމިއޮތް ސަރުކާރުގެ ޕަޕެޓެއް މިމީހުން ޖަހާ ހުރިހާ ލަވައަކައް ބަރާބަރައް ޑާންސް ކުރާނެ

  2. ޢާސީ

    މީނާ އަކީ ސައިންދާގެ ފިރިސޮރުތަ

  3. ޙަމަހަމަ

    މި ޝަމީމު ކުރިން ކައިވެނިކޮށްގެން އުޅުނީ ކާކަށްތަ ؟ ވަޒީފާދޭން އެކަށީގެންވާ މީހަކަށްވީ އޭނަ ބުނެގެންތަ ؟