މެދުއުމުރުގެ މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު އައްޑޫ ސިޓީ ހުޅުމީދޫން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އާދީއްތަ ދުވަހުގެ 16:45 އެހާކަންހާއިރު ހައްޔަރުކޮށްފައިވަނީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބަނދަރުމަތިން އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 90 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއޓުމަށް އަށް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހްގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު