ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާނެ ފަނޑިޔާރަކަށް އަލީ ސަމީރު ހަމަ ޖައްސައިފިއެވެ.

ފަނޑިޔާރު އަލީ ސަމީރު، ޖޭއެސްސީއަށް ހަމަޖައްސަން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބޭއްވި އިންތިހާބަކުންނެވެ. ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި މީގެ ކުރިން ހުންނެވި، ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެ މަގާމުން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ ފަނޑިޔާރަކު ކަނޑައަޅަނީ އެ ކޯޓެއްގެ ފަނޑިޔާރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.

އަބްދުއްރައޫފް އިސްތިއުފާ ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރާކަށް އައްޔަން ކުރުމަށް ޖޭއެސްސީއަށް ނޮމިނޭޓް ކުރުމާ ގުޅިގެންނެވެ. އޭގެ ފަހުން އޭނާގެ ސުލީކީ މައްސަލައެއް ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. އެހެން ކަމުން މިހާރު އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުން މަޑުޖައްސާފައެވެ.

ފަނޑިޔާރު އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާވަނީ މީގެ ކުރިން ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއާ އެޑްމިން އޮފިސަރުކަމާއި، މަދަނީ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓުގެ އިސް ގާޒީކަމާއި، ސިވިލްކޯޓުގެ އިސް ގާޒީކަން ވެސް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    މަރުހަބާ ސަމީރު

  2. ނަރީ

    ރައީސް ޔާމީންގެ އިސްތިޢުނާފްގެ އަޑުއެހުންތައް ފެށެންވާއިރަށް ހައިކޯޓު މުށުތެރެޔަށް! މާތްﷲ މި ނުބައި ޝައިޠާނީ ވަކިތަކުން ދިވެހި އުއްމަތް ސަލާމަތްކޮށްދެއްވާންދޭވެ! އާމީން