ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ ގުޅިގެން މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 - 17:45 އަދި ރޭގަނޑު 20:00 - 22:00 އަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ކުޑަކުދިންގެ ހަވީރު އޮންނާނީ އިސްލާމީ މަރުކަޒުގެ މާބުލް އޭރިޔާގައެވެ. ޖުމަލް 13 ސްޓޯލާއެކު ކުރިޔަށްދާ މި ކުޑަކުދިންގެ ހަވީރުގައި މަސްބޭނުމާއި، މެއިޒް ގޭމާއި، ކޭން ނޮކް ޑައުންއާއި، ސޮޕޮންޖް ގޭމް ފަދަ އެތައް ކުޅިވަރެއް ހިމެނެއެވެ.

މީގެ އިތުރުން މި ކުޑަކުދިންގެ ހަވީރުގެ ތެރެއިން މަދަހަ ކިޔުމާއި، ޓެލެސްކޯޕް ބޭނުންކޮށްގެން ތަރިތަކާއި ހަނދު ބެލުމާއި، ތީރުޖެހުން ފަދަ ވަރަށް ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުޅިވަރުތަކުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް އެ ބައިވެރިވާ ހަރަކާތް ހިންގާ ސްޓޯލަކުން ހަދިޔާއެއް ލިބޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ވިދާޅުވީ އެކި އެ މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުގެ 7 ސްޓޯލެއްގެ އިތުރުން، އަޔާދީ ތަކާފުލް، އެމް.އެން.ޔޫ، އެކްސެލް އިންޓަނޭޝަނަލް ސްކޫލް އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ސްޓޯލްތައް ބައިވެރިކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދަޅުވެފައިވަނީ ކުޑަކުދިންނާއި ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ހަރަކާތްތަކަކީ ވަރަށް ތަފާތު އަދި އެކުދިން ޝައުޤުވެރިވާނެ ހަރަކާތްތަކެއް ކަމަށެވެ. އަދި ތަފާތު ގިނަ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތަށް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައވާ މި ކުޑަކުދިންގެ ހަވީރަށް ވީހާވެސް ގިނަ ކުދިން އައުމަށް މިނިސްޓްރީގެ ފަރާތުން ވަނީ އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައިދަރު

    ސޯލިހުންގެ ބަޤީޗާ މިފޮތް އިސްލާމިކު މިނިސްޓްރީން ގަންނަން ލިބޭނެތޯ؟ މައުމާތު ބޭނުން....

  2. Anonymous

    ޚަތިމާއި ދުޢާފޮތް ލިބޭތޯ
    "ޢަދުލްވެރި ޣާޒީ" އެފޮތް ލިބޭނެތޯ