ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން މިރޭވެސް އެ ޕާޓީ އަށް އަލަށް ބަޔަކު ގުޅިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒް ގައި ކުރިއަށް ދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި މިރޭ އެ ޕާޓީއާއި ގުޅިވަޑައިގަތް ބޭފުޅުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ރައީސް، ޤާސިމް އިބްރާހީމް އެވެ. 30 ވަރަކަށް މީހުން މިރޭ ޖޭޕީ އާއި ގުޅިވަޑައިގަތް އިރު، އެމީހުންގެ ތެރޭގައި މީގެ ކުރިން ސިޔާސީ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކުގެ އިތުރަށް، ނޫކަށިފުރައިގެ ޒުވާންނާއި، ޤުރުއާން ކިޔަވައިދޭ ހާފިޒެއްގެ އިތުރުން، ރަށެއްގެ ކައުންސިލަރަކުވެސް ހިމެނޭ ކަމަށް އެ ޕާޓީ އިން މަޢުލޫމާތު ދެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑާޝިޕުގައި ހިމެނޭ ބޭފުޅުންނާއި، ޖޭޕީގެ ބައެއް އާއްމު މެމްބަރުން ވަނީ ބައިވެރިވެފައެވެ. ޖޭޕީގެ ބައެއް އާ ގޮފިތައްވެސް މިރޭ ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީއިން ވަނީ 4 ގޮތްޕެއް މިރޭ އަލަށް އިއުލާންކޮށްފައެވެ. ގޮފިތަކުގެ އިސްވެރިންގެ ފަރާތުން އެ ގޮފިތަކާ ހަވާލުވެ ވަޑައިގަތީވެސް ޖުމްހޫރީ ޕާޓީގެ ބާނީ، އަދި މާމިގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހީމް އެވެ.

އައު މެމްބަރުން ގުޅިވަޑައިގަތުމުގެ އިތުރަށް މިރޭ އެ ޕާޓީގެ ބައެއް އާއްމު މެމްބަރުން ވަނީ 300 ވަރަކަށް ފޯމްވެސް އެ ޕާޓީގެ ލީޑަރާ ހަވާލުކޮށްދެއްވާފައެވެ. ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އެ ޕާޓީ އިން "މެކުހަށް" ޖަހާފައި މިވަނީ އެ ޕާޓީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމްކުރުމުގެ އަމާޒުގެ ދަށުންނެވެ.

ކައުންސިލް އިންތިޚާބުގެ ކުރިން އެ ޕާޓީ ވަރުގަދަކުރުމަކީ ވެސް ޖުމްހޫރީ ޕާޓީގެ މުހިއްމު އެއް އަމާޒެކެވެ. އެ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމް ވަނީ އެ ޕާޓީ އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެނޑިޑޭޓުން ނެރޭނެ ކަން އިޢުލާންކޮށްފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރަށްވެސް އެ ޕާޓީ އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު