އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެންމެ ކުރީގައި އޮތް ލިވަޕޫލާއި އެޓީމާއި ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ލީގުގައި ރޭ ބާންލީގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 4-1 އިންނެވެ. މި މޮޅާއެކު ސިޓީ އަށް ވަނީ 15 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި 40 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު މާދަން ރޭ އެވަޓަން އަތުން މޮޅުވެގެން ލިވަޕޫލަށް އަނެއްކާވެސް ސިޓީ އާއި ދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް ބޮޑުކޮށްލެވޭނެ އެވެ. ރޭގެ މެޗުން ބަލިވި ބާންލީ އޮތީ 18 ޕޮއިންޓް ލިބިގެން އެގާރަ ވަނައިގަ އެވެ.

އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާން ޖެހުނު ސިޓީގެ ސާޖިއޯ އަގުއެރޯގެ ބަދަލުގައި ރޭ ވެސް އެޓީމުގެ ސްޓްރައިކަރަކަށް ކުޅުނީ ބްރެޒިލްގެ ޒުވާން ގެބްރިއެލް ޖެސުސް އެވެ. ޖެސުސް އާއެކު ރަހީމް ސްޓާލިންގް އާއި ބެނާޑޯ ސިލްވާ ފުރަތަމަ އެގާރައިގައި ހިމެނުނު އިރު މެދުތެރެއިން ހަރަކާތްތެރިވީ ކެވިން ޑެބްރައިނާ އާއި ރޮޑްރީގެ އިތުރުން ޑޭވިޑް ސިލްވާ އެވެ.

މެޗުގައި ބާންލީން ލަނޑު ޖެހީ ސިޓީން އެޓީމު ކޮޅަށް ހަތަރު ލަނޑު ޖަހާފައިވަނިކޮށެވެ. އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީން ފުރަތަމަ ހާފު ނިންމާލި އިރު 24 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެސުސް އެވެ. ޖެސުސްގެ ދެވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ދިހަ ވަރަކަށް މިނެޓު ފަހުން ފެނުނު އިރު މި ލަނޑު 22 އަހަރުގެ ސްޓްރައިކަރު ކާމިޔާބު ކުރީ ބެނާޑޯ ސިލްވާ ދިން ބޯޅައެއްގަ އެވެ. ސިޓީގެ ތިންވަނަ ލަނޑު 68 ވަނަ މިނެޓުގައި ރޮޑްރީ ޖެހި އިރު 87 ވަނަ މިނެޓުގައި ނަތީޖާ 4-0 އަށް ބަދަލުކޮށްލީ ޑޭވިޑް ސިލްވާ ޖައްސާލި ބޯޅައެއްގައި ރިޔާދް މަހްރޭޒެވެ. އޭގެ ދެ މިނެޓް ފަހުން ބާންލީ އަށް ސުން ކަނޑުވައިދިނީ ރޮބީ ބްރާޑީ އެވެ.

މި މޮޅާއެކު ސިޓީގެ މައްޗަށް ލިވަޕޫލުން ހޯދައިފައި އޮތް ބޮޑު ލީޑް ކުޑަވެ ޕެޕް ގާޑިއޯލާގެ ސިޓީ އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަމުގައި ވިޔަސް އެޓީމުން ޖެހޭނީ މިރޭ ލިވަޕޫލް މެޗުގައި ވާ ގޮތް ބަލާށެވެ. ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލް މިސީޒަނުގެ ލީގުގައި އަދި މެޗަކުން ބަލިވެފައިނުވާ އިރު މިރޭގެ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ އެޓީމަށް ލީގުގައި ބަލިނުވެ 32 މެޗު ހަމަވާނެ އެވެ.