2021 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބައެއް ކުޅިވަރު އިވެންޓުތައް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2021 ވަނަ އަހަރު ބާއްވާ ސައުތު އޭޝިއަން ގޭމްސްގެ ބައެއް ކުޅިވަރުތައް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއެކު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ އިވެންޓުތަކުގެ ތެރޭގައި ފުޓުބޯޅަ އާއި ވޮލީބޯޅަ އާއި ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު އަންނަ އަހަރު އެ ގޭމްސް ބޭއްވުމަށް ކުރި ބިޑް މަޑަގަސްރަކަ އާއި ކޮމޮރޯސްއާ ވާދަކޮށް ރާއްޖެ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަންނަ އަހަރުގެ އައިއޯއައިޖީ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ ފުރަތަމަ ކުޅިވަރު ގޭމްސް އަށެވެ.

2021 ސާފް ގޭމްސްގެ އިވެންޓުތަކެއް ރާއްޖޭގައި ބޭއްވުމުގެ މަސަތްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާ އިރު މިހާރު ނޭޕާލުގައި ފެށިގެން ކުރިއަށްދާ ގޭމްސްގައި ވެސް ރާއްޖެ އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. ރާއްޖޭން ގޭމްސްގައި 11 ކުޅިވަރަކުން ވާދަކުރަމުން އަންނަ އިރު މިހާތަނަށް ރާއްޖެ އަށް ވަނީ ދެ މެޑަލް ލިބިފަ އެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދި އިރު މިއީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ 35 އަހަރުވީ ތާރީހުގައި ރާއްޖެ އަށް ރަން މެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ. ސާއިދުގެ އިތުރުން މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ އިވެންޓުން ގައުމީ އަންހެން ޓީޓީ ޓީމް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.