ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންގެ ހިތްތަކުގައި އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދުﷲ ޖަމީލު ވިދާޅުވީ، މި ކުޑަކުދިންގެ ހަވީރަކީ އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީއާއި ގުޅިގެން ބާއްވާ ކުޑަކުދިންގެ ހަވީރެއް ކަމަށެވެ. މި ހަވީރު ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީގައި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ. މިގޮތަށް ރޭގަނޑު މި އިވެންޓް ބާއްވަން ނިންމާފައިވަނީ ރޭގަނޑު 20:00ގެ ފަހުންވެސް ގިނަ އަދަދެއްގެ ކުޑަކުދިން އިސްލާމިކް މިނިސްޓްރީ ކައިރީގައި އުޅެމުން އަންނާތީ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާލުވީ މި އިވެންޓަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކާމިޔާބު ކުރުމަށް ބޭއްވޭ އިވެންޓެއް ކަމަށާއި މި އިވެންޓް ކުރިއަށްގެންދާއިރު ކުޑަކުދިންނާއި ގުޅޭ އެކިއެކި ސްޓޯލްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެގޮތުން މަޖާ މާހައުލެއްގެ ތެރޭގައި ދީނީ މައުލޫމާތު ކުދިންނަށް ލިބި ނޭނގޭ ގިނަ މައުލޫމާތު އެނގިގެން ދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ސްޓޫޑިއޯ މެނޭޖަރު އިސްމާއިލް އަފްރާހު ވިދާޅުވީ، މިއަދު ހަވީރު 13 ސްޓޯލެއް ބެހެއްޓިފައިވާއިރު އެތަނުން 7 ސްޓޯލަކީ އެމިނިސްޓްރީގެ ސްޓޯލްތަށް ކަމަށެވެ. އަދި މި އިވެންޓްގައި ކުޑަކުދިންނަށް ރާއްޖެއިސްލާމްވި ދުވަހާއި ގުޅޭ ގިނަ މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް އަފްރާހު ވިދާޅުވިއެވެ.

މިއަދު ކުރިއަށް ގެންދާ މި ކުޑަކުދިންގެ ހަވީރުގައި އެއްވެސް ކަހަލަ ފީއެއް ނުނަގާނެ ކަމަށާއި ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަހަނބު ވިތްޓޯ ޓޯ

    ދީނީ ގޮތުން ކުޑަކުދިން ހޭލުންތެރި ވާނީ އޮށްޓަރުހުރި އިސްލާމީ ތައުލީމެއްދީގެން ބޮޑާ ކަމާ ތައައްސަބުން ދުރުކޮށް އިހްސާންތެރިވާން ދަސްކޮށްދެވިގެން ހަމައެކަނި މުގައްރަރު ކަވަރު ކޮށްލައިގެން އެއްކަމެއްވެސް ހާސިލެއްނުވާނެ ބަހާ އަމަލާ ސީދަާ ކުރަންޖެހޭ