ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނުގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ހޮވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން މަގާމުގެ ޝަރުތުތަކަކީ ގާނޫނީ ދާއިރާއިން ނުވަތަ އިދާރީ ހިންގުމުގެ ޑިގްރީއެއް އޮތުމާއި، އެ ދެ ދާއިރާއިން ކޮންމެވެސް އެއް ދާއިރާއަކުން 10 އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި، ދިވެއްސަކަށް އަދި މުސްލިމަކަށް ވުން ވެސް ޝަތުރުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހެނީ ޖޭއެސްސީ އަށެވެ.

ކުރިން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަކީ ސުޕްރީމް ކޯޓަށް ޖަވާބުދާރީ ވާން ޖެހޭ ފަރާތެއް ނަމަވެސް މިހާރު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީ ވާން ޖެހެނީ ޖޭއެސްސީ އަށެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ކޮންމެ މަހަކު ޖުމްލަ 47،500 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި މިހާރު ހުންނެވީ ޑރ.އަބްދުﷲ ނަޒީރު އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 2018 ގައެވެ. އެއީ އެމަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު 2018 ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން ހައްޔަރުކޮށް ވަޒީފާ އިން ވަކިކުރުމުންނެވެ.