ޖިނާއީ އިޖުރާއާތުގެ ޤާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބިލެއް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނު އަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށާއި، އެނޫނަސް އެ ޤާނޫނުގައި ފުރިހަމަކުރުމަށް ހުރި މުހިންމު ކަންކަން ފުރިހަމަކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށް ވެސް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވިއެވެ.

ނަމަވެސް ޤާނޫނަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތަފްސީލެއް އެޓާނީ އެޓާނީ ޖެނެރަލް އޮފީހުން ނުދެއްވައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި އެކި ފަރާތްތަކުން ޢަމަލުކުރަންވީ ގޮތުގެ އުޞޫލުތަކާއި، އެކި ފަރާތްތަކަށް ލިބިފައިވާ ޙައްޤުތަކާ އަދި އެކި ފަރާތްތަކަށް ލިބިފައިވާ ބާރުތަކާއި، އެ ބާރުތައް ބޭނުންކުރަންވީ ގޮތް އެންމެ ތަފްޞީލުކޮށް މިހާތަނަށް އެއް ޤާނޫނެއްގައި ލިޔެވި، ބަޔާންކުރެވިފައިވާ ޤާނޫނެވެ. މި ޤާނޫނުގެ ސަބަބުން، ޒަމާނާ އެއްގޮތް ޖިނާއީ އިޖުރާއަތުތަކެއް ތަޢާރުފުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ވަނީ އައިސްފައެވެ.

ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުން އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ ދައުވާ ކުރަން ޖެހޭ މުއްދަތަށެވެ. ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފިނަމަ މިހާރު ތިން މަސް ދުވަހުގެ ތެރޭގައި އެމައްސަލައިގައި ދައުވާ އުފުލަން ޖެހެއެވެ.