ގިރިފުށީގައި މޯލްޑިވްސް ނެޝަނަލް ޑިޕެންސް ފޯސް (އެމްއެންޑީއެފް) އަދި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދިޔަ 20 ވަަނަ ގައުމީ ކެޑޭޓް ކޭމްޕްގެ ހަރަކާތްތައް ރައީސް އިބްރާހިމް މުުހައްމަދު ސޯލިހް ބައްލަވާލައިފިއެވެ.

12 ދުވަހުގެ މުއްދަތަށް ގިރިފުށީގައި ކުރިއަށް ގެންދާ ކެޑޭޓް ކޭމްޕްގެ ތަމްރީން ޕްރޮގްރާމުގެ ހަރަކާތްތައް ބައްލަވާ ލެއްވުމަށް ރައީސް ސާލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ވަނީ ގިރިފުއްޓަށް ޒިޔާރަތް ކުރައްވާފައެެވެ. އެޒިޔާރަތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އަދި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ޑިފެންސް މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ސާލިހުގެ ދެކަނބަލުން، ކެޑެޓް ކޭމްޕް ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ކެޑޭޓް ކޭމްޕްގެ ފަރާތުން ރައީސް އަށް ދައްކާލި ހަރަކާތްތަކުގެ ތެރޭގައި ވެޕަން ޝޫޓިން ޓްރެއިނިން އާއި، ބޭސިކް ފީލްޑް ފަސްޓްއެއިޑް އާއި، މާޝަލް އާޓްސްގެ ބައެއް ހަރަކާތްތައް ހިމެނެއެވެ.

އެ ކޭމްޕްގައި ޖުމްލަ އަށް މާއްދާއެއް ބައިވެރިންނަށް ކިޔަވައިދެމުން ދާކަމަށާއި، ދެ ދާއިރާއަކުން ކިޔަވައިދިނުމަށް ގެސްޓް ލެކްޗަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ސަވައިވަލް އާއި، ޑައިވިންގެ އިތުރުން މާޝަލް އާޓްސް ފަދަ ހުނަރުތައް މި ކޭމްޕްގެ ބައިވެރިންނަށް ދަސްކޮށްދިނުމަށް އަމާޒު ކުރާ ކަމަށާއި ތަމްރީން ހަރަކާތްތަކުގެ އިތުރުން ހަތަރު ވާދަވެރިކަމުގެ މުބާރާތްވެސް ވަނީ ކުރިއަށް ގެންދިއުމަށް ހަަމޖެހިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

ގިރިފުށީގައި ކުރިއަށްގެންދާ ކެޑެޓް ކޭމްޕުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެމްްއެންޑީއެފް އިން މައުލޫމާތުދިން ގޮތުގައި، އެ ކޭމްޕްގެ ތެރެއިން ވަނަވަނަ އަށްދާ ކުދިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޭމްޕުގެ އެންމެ މޮޅު ފިރިހެން ދަރިވަރު، އެންމެ މޮޅު އަންހެން ދަރިވަރު، އުގަންނައިދޭ އެކަޑަމިކް މާއްދާތަކުން އެންމެ މޮޅު ދަރިވަރު، ކޭމްޕްގެ އެންމެ މޮޅު 10 ދަރިވަރުން އަދި އެންމެ މޮޅު ޕްލޭޓުން ވަނި ހޮވުމަށް ހަމަޖެހިފައެވެ.

ރައީސް ސާލިހު، ކެޑެޓް ކޭމްޕް ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވުން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެކޭމްޕްގައި ރާއްޖެއިން ބޭރުގެ އޮފިސަރުންނާއި ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން އިންޑިއާ، ނޭޕާލް، ސްރީ ލަންކާ އަދި ބަންގްލަދޭޝް އިން ކޭމްޕްގައި އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖުންގެ ގޮތުގައި ވަނީ ބައިވެރިވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުމެއް

    ސޯލިހުބެ މީ ހަމަ ހުރި ގޮތަށް ހުރި ބުދެއް. ލޮލް

  2. ނަޖްވާ

    އަހަންނަށް ފެންނަނީ އެޑިޔުކޭސަން މިނިސްޓަރު އެ ތަނުން!

  3. މީހެއް

    20 ވަަނަ އެއް ނޫން. 21 ވަނަ ކޭމްޕް.