ހައުސީ މިނިސްޓްރީން ރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ދެ ބިލެއް ޑްރާފްޓްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ.ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މި ޑިސެމްބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ވަނީ "ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު" އަދި "އެއްމެދު އިމާރާތުގެ ޤާނޫނު"ގެ ބިލު ކަމަށާއި އެބިލްތައް ޑްރާފްޓްކޮށްފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އެކު ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު އިމާރާތުގެ ބިލަކީ، ރާއްޖޭގައި ބިނާކޮށްފައިވާ އަދި ބިނާކުރަން ގަސްތުކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށާއި، އެއްމެދު އުސޫލުން ބިމާއި އިމާރާތް އަދި އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކު ކުރުމުގެ ހަމަތައް އެކުލަވާލުމާއި، އެ ޔުނިޓްތައް ގަނެވިއްކައި، އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަޙައްދުތައް (ކޮމަން އޭރިއާސް) ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރައީސް އޮފީހަށް ހުށަހެޅިފައިވާ ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލަކީ، ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށް ދޫކުރުމާއި ކުއްޔަށް ހިފުމާއި ގުޅިގެން ކުއްޔަށްދޭފަރާތާއި ކުއްޔަށް ހިފާފަރާތުގެ މަސްލަޙަތާއި ޙައްޤުތައް ބަޔާންކުރުމާއި ކުއްޔަށްދޭ ތަންތަން ގިންތިކުރުމާއި އެތަންތަނުގައި، ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ކުލީގެ މުޢާމަލާތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައެޅުމުގެ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެއްކަމަށްވެސް އެމިނިސްޓްރީ އިން ވަނީ މައުލޫމާތު ދީފައެވެ.

މި ބިލުތައް މަޖިލީހުން ފާސްވުމުން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ ހައިސިއްޔަތު ލިބިގެންދާނޭ ކަަމަށާއި އަދި އެއްމެދު އިމާރާތްތައް ރަޖިސްކޮށް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވިގެންދާނޭ ކަމަށްވެސް ހައުސިން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އަދި ކިރިޔާ ރައްޔިތުންގެ ހައްޤުގަ ބިލެއް މި އައީ. އަދި އެބަ ޖެހޭ ދިރި އުޅުމަށް ދޭ ގޯތިން ދަރިން އަދި ވަރި ކުރިޔަސް އަންހެން މީހާ ނުނެރެވޭނެ ގޮތް ނޫނީ ހައްގުތައް ރައްކާތެރި ކޮށްދޭން. ބަންޑާރަ ގޯތި ދެނީ މީހަކާ އިނީމަ. އެހެންވީމަ ދެފަރާތުގެ ހައްޤުވެސް ވާނެ.

    14
    1
  2. ބޯ

    ބޯހިޔާވެހިކަމެއްދީބަ ޕުލީސް ރައީސް ޕުލީސް