ކުޑަކުދިން ގޮވައިގެން ބޭރަށް ނިކުމެ އުޅުމުގައި ބެލެނިވެރިން ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެދިއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުޑަކުދިން ގޮވައިގެން ބޭރަށް ނިކުމެ އުޅުމުގައި އެކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ބެލެނިވެރިންގެ ކިބައިން އެދޭ ކަމަށެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ، މިއަދު ޗާންދަނީ މަގާއި މަޖީދީ މަގު ގުޅުނު ހަތަރުއަނގޮޅި ކަންމަތީގައި ބެލެނިވެރިއަކު ނެތި އުޅުނު ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ފުލުހުން އެހީތެރިވެދީފައި ވަނިކޮށެވެ. އެވަގުތު އެ ސަރަޙައްދުގައި ޕެޓްރޯލް ކުރަމުން ދިޔަ އެސްއޯ ފުލުހުން ވަނީ އެކުއްޖާ ފެނުމުން ބެލެނިވެރިޔާ ހޯދައި ކުއްޖާ ހަވާލުކޮށްދީފައެވެ.

މަގުމަތީގައި ކުދިން ގޮވައިގެން އުޅޭ އުޅުމުގައި ބެލެނިވެރިން ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައި ވާއިރު، ފުލުހުން ވިދާޅުވީ، އަބަދުވެސް ކުދިން ބޭރަށް ގެންދާއިރު އެ ކުދިންގެ އަތުގައި ހިއްޕަވައިގެން މަގުމަތީގެ އެއްފަރާތުން ޕޭވްމަންޓާވީ ފަޅިން އެކުދިން ގޮވައިގެން ވަޑައިގެންނެވުމަށް އެދޭ ކަމަށެވެ.

"ކުޑަކުދިން ގޮވައިގެން ބޭރަށް ނިކުމެ އުޅުމުގައި އެކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، އަބަދުވެސް އެކުދިންގެ އަތުގައި ހިއްޕަވައިގެން މަގުގެ އެއްފަރާތުން ޕޭވްމަންޓާވީފަޅިން އެކުދިން ގޮވައިގެން ވަޑައިގެންނެވުމަށް މި ސާވިސް އިން އިލްތިމާސްކުރަން،" ފުލުހުންގެ ޓްވީޓުގައި ވެއެވެ.

މި ދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްކޮޅަށް ވުމާއި އެކު ކުޑަކުދިން ގޮވައިގެން ބެލެނިވެރިން ބޭރަށް ނިކުމެ އުޅުމަކީ އާންމު ކަމެކެވެ. އެހެންކަމުން ކުދިން ބޭރަށް ނިކުމެ އުޅޭ ނިސްބަތް މި ދުވަސްވަރު އިތުރުވާނެތީ، އެކަމަށް ދުއްވާ މީހުންނާއި ބެލެނިވެރިންވެސް ސަމާލުވުމަކީ މުޙިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިލާވަޅު

    ސަމާލުވާން އެބަޖެހޭ އަމާން މާހައުލެއް ވެއްޓެއް ނެތްވިއްޔާ މިޤަޢުމުގަ ބޮޑެތިމީހުންވެސް ގައިގަ ކެމެރާޔާ ޕެނިކްބަޓަން ހަރުކޮށްގެން މިޢުޅެންޖެހެނީ

  2. ކަނޑޫ

    އެކަނި ހުރި ކުޑަކުއްޖަކު ބެލެނިވެރިންނާ ހަވާލު ކުރުމުގެ "ބިޔަ" މަޝްރޫއު ނިންމާލާފަ ޓްވީޓް ކޮށްފަ މިބުނަނީ ކަލޭމެންގެ ރައްކާތެރިކަން ކަލޭމެން ހޯދާށޭ ހއަހަރުމެން ސްޓިކަރ ޖަހައިގެން ޓެކުމުން ފޭރުމުގަ އަވަދިނެތިއޭ މިއުޅެނީ. ކުއްޖާ ހަވާލު ކުރަންވެސް ވަރަށް ގިނަ ވަގުތޭ މިބޭކާރުވީ. ހިންޏެއް ނާދޭތަ؟