މިއަދު ވިލިމާލޭ އަތިރިމަތީގައި އުޅެނިކޮށް ގެއްލިގެން ރިޕޯޓުކުރި ފަސް އަހަރުގެ ކުޑަ ކުއްޖަކު ހޯދައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރު ވިލިމާލެ އަތިރިމައްޗަށް ދިޔަ ފަސް އަހަރުގެ ކުޑަ ކުއްޖަކު ގެއްލިގެން ރިޕޯޓު ކުރުމުން އެރަށުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ އެހީތެރިކަމާއި އެކު މިހާރު އެކުއްޖާ ހޯދައިފައިވާކަމަށެވެ. އަދި މިހާރު ކުއްޖާގެ ބެލެނެވެރިންނާއި އެކުއްޖާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އިއްޔެގެ ހަވީރުގެ ވަގުތެއްގައި ފުލުހުން ވަނީ މާލޭ ޗާންދަނީ މަގުގައި އެކަނި އުޅުނު ދެއަހަރުގެ އަންހެންކުއްޖަކު ވެސް އެކުއްޖާގެ މައިންބަފައިނާ ހަވާލުކޮށްފައެވެ.

ފުލުހުން ވަނީ ކުޑަކުދިން ގެންގުޅުމުގައި އެކުދިންގެ ރައްކާތެރިކަމަށް ވިސްނުމަށް އިލްތިމާސްކޮށްފައެވެ. އަދި ހުކުރު ދުވަހަކީ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރުމަށް މާލެ ކައިރި ރަށްރަށް ދާ ދުވަހެއް ކަމުން، ވިލިގިނލި ފަދަ ތަންތަނުގެ އަތިރިމަތީގައި މީހުން ބޯވެއެވެ. އެހެން ކަމުން މޫދަށް އެރުމުގައި އާއި، އަތިރިމައްޗަށް ކުދިން އެކަނި ދޫކޮށްލުމުގައި އެކުދިންގެ ރައްކާތެރިކަމަށް ވިސްނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅުމުގައި އެކުދިންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެެވެ. އަދި ކުޑަކުދިން ގޮވައިގެން މަގުތަކުގައި އުޅޭއިރު އެކުދިންގެ އަތުގައި ހިފައިގެން މަގުގެ އެއްފަޅިން ހިނގުމަށާއި، އެކުދިންނަށް މަގުގެ ޕޭމެންޓާ ވީފަޅި އިހްތިޔާރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެފަދަ ކުދިން ހޯދައި މައިންބަފައިނާ ހަވާލު ކޮށްފައެވެ. އަދި ހާއްސަކޮށް މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކެއް ކަމުން ކުޑަކުދިން ގެންގުޅުމުގައި އެތައް ކަމަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯކިބާ

    މާލޭ ސަރުކާރުން 200 މީހުން އުޅޭރަށްރަށުގެ ފަޅުތައްވެސް ހިއްކައިގެން ހަލާކުކުރާއިރު ބިމުގެ އަގު އިންތިހާއަށްއޮތް ތިރަށުގެ ފަޅު ނުހިއްކާ އޮތީ ކީއްވެ.

    1
    1