އަންނަ އަހަރު އޭޕްރިލް މަސް ތެރޭގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ކަނބަލުން ބައިވެރިވުމަށް މޯލްޑިވްސް ރިފޯމް މޫވެމެންޓްއިން ގޮވާލައިފިއެވެ.

އެމްއާރުއެމުން މިގޮތަށް ގޮވާލާފައިވަނީ މަޖިލީހުން ފާސްކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކައުންސިލުތަކުގައި އަންހެނުންނަށް 33 އިންސައްތަ ހާއްސަކުރަން ނިންމުމާ ގުޅިގެން އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ބުނެފައިވަނީ، ޤާނޫނަށް އައި މި ބަދަލާއެކު ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުވާނެ ކަމަށެވެ. އަދި ކަންކަން ނިންމުމުގައި ކުރީ ސަފުގައި އަންހެނުން ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެމްރާރުއެމުގެ މި ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރްއެމް އިން ބުނީ، އެ ޕާޓީގައި ހުރިހާ ކޮމެޓީއެއްގަވެސް 50 އިންސައްތަ އަންހެނުން ހިމަނަން ކަނޑައަޅާފައިވާ ކަމަށާއި، ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރި ވުމަށް ފުރުސަތު ހޯދައި ދިނުމަށް އަބަދުވެސް އެމްއާރްއެމުން މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން، އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގެނައުމަކީ ކޯލިޝަނުން ވެފައިވާ ވައުދެއް ކަމަށާއި، އެވައުދު މިވަނީ ފުއްދާފައި ކަމަށެވެ.

އެމްއާރްއެމްއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުރެ އުފައްދަވާފައިވާ ޕާޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަންކޮއި

    ކައުންސިލައްކުރިމަތިލައްވާއެއްވެސް
    ކަބަލަކުބުރުގާނާޅުއްވާތި

  2. ނަސްރީނާ

    ވީހާވެސް ގިނަ އަންހެން ކަނބަލުން ކައުންސިލް އިންތިހާބުގައި ބައިވެރުވުމަށް ގޮވުމުގެ ބަދަލު، ގިނަ ކަނބަލުން އިންތިހާބަށް ނެރުނިއްޔާ މާތާހިރެއްނޫން