މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ކުރިއަށްދާ ފިޝަރީސް އެކްސްޕޯ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހުޅުވައިދެއްވައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިއަށްދާ މި އެކްސްޕޯގައި މަސްވެރިކަމުގެ އެކި އުފެއްދުންތަކާއި، މަސްވެރިކަން ކުރުމަށް ބޭނުން ކުރާ އާލާތްތައް ދައްކާލުމަށް ވަނީ ނިންމާފައެވެ.

ފިޝަރީޒް އެކްސްޕޯގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ މި އެކްސްޕޯގައި ރައީސް ސާލިހްގެ އަދި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު އާއި، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއި ކުންފުނިތަކުގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފިޝަރީޒް އެކްސްޕޯގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި އެކްސްޕޯގައި ބައިވެރިވަވެޑައިގެ ރައީސް ވަނީ އެތަނުގައި ހުރި ބައެއް އުފެއްދުންތައް ބަލާލައި އަދި ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތީގެ ރަހަ ބަލައިލައްވާފައެެވެ. މި އެކްސްޕޯއަކީ ފަތުރުވެރި ކަމެކޭ އެއްފަދައިން މަސްވެރިކަން އިޝްތިހާރުކޮށް، މަސްވެރިކަމާއި އަދި މަސްވެރިކަމުގެ އުފެއްދުންތަކާއި މެދު ދިިވެހިންނާއި ފަތުރުވެރިން ހިތުގައި ލޯބި އިތުރު ކުރުމަށް ބާއްވާ އެކްސްޕޯ އެކެވެ.

ފިޝަރީޒް އެކްސްޕޯގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި އެކްސްޕޯ ހުޅުމާލޭ ހުރަވީ ސްކޫލުގައި މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާނެއެވެ.

މިއަހަރުގެ އެކްސްޕޯގައި 16 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، މަހުގެ އުފެއްދުންތަކުގެ އިތުރުން އައިސްޕްލާންޓާއި ކޫލިންގ ސިސްޓަމްތަކާއި މެރިން އިންޖީނާއި މުވާސަލާތީ ބައެއް އާލާތްތައްވެސް މި އެކްސްޕޯގެ ސްޓޯލްތަކުގައި ދައްކާލަން ބަހައްޓާފައިވެއެވެ. މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރެވެ.