ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން އިސްނަގައިގެން ދަތުރުވެރިންގެ ބަނދަރު ސަރަޙައްދުގައި ކުށް މަދުކުރުމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މާލޭ އުތުރު ބަނދަރުން ފެށިގެން އެމް.އެމް.އޭ ސަރަޙައްދާ ދެމެދު ކުރިއަށް ގެންދެވުނު މި ޙަރަކާތުގައި ބައެއް އޮޑިވެރިންނާއި ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

އޮޑިދޯނިފަހަރުން އެންމެ ގިނައިން ރިޕޯޓް ކުރެވެނީ މޯބައިލް ފޯނާއި ފައިސާ ގެއްލިގެންނެވެ.
ނުއަގުގައި އެއްޗެހި ވިއްކާ މައްސަލަވެސް ބަނދަރު ސަރަޙައްދުން ފުލުހުންނަށް ހުށަހެޅިފައި ވެއެވެ.
ބައެއްފަހަރު މާލެއިން ވަގަށް ނަގާ އުޅަނދުފަހަރު ގެންދާ މައްސަލަވެސް ފާހަގަ ކުރެވެއެވެ.

ބަނދަރު ސަރަޙައްދުގައި މަޢުލޫމާތު ފޯރުކޮށްދެވުނީ މި ދެންނެވި ކަންކަން ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި އެ ފަދަ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތާ ބެހޭގޮތުންނެވެ.

މީގެ އިތުރުން ކުރިޔަށް މި ދާ ދުވަސްތަކަކީ ބޮޑު ބަންދުގެ ދުވަސްވަރު ކަމަށްވާތީ، ބަންދުތެރޭގައި ހިނގާފާނެ ހާދިސާއަކުން ނުވަތަ ކުށުގެ ޢަމަލަކުން ރައްކާތެރިވުމުގެ ގޮތުން ވިސްނުން ބަހައްޓަންވީ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ ޙަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ރައްޔިތުންގެ ފަރާތުން މި ފަދަ ކަންކަމުގައި ލިބިގެންދާ އެއްބާރުލުން ފުލުހުން ފާހަގަކޮށް ފުލުހުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެއްވެސް ކަހަލަ ހާދިސާއެއް ދިމާވެއްޖެނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު