ރާއްޖޭގައި ފުރަތަމަ ޤާއިމްކުރާ ވިޒިޓާސް ސެންޓަރުގެ އަމަލީ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު، ޕީއެސްއެމް ނިއުސްގައި ވިދާޅުވީ، މި ސެންޓަރުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއަށް ދިވެހި ސަޤާފަތް ގެނައުމުގެ ގޮތުން ޤާއިމްކުރާ ސެންޓަރެއް ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ވިޒިޓާސް ސެންޓަރު އެޅުމަށް ނިންމާފައިވަނީ، ރ. އަނގޮޅިތީމުގައެވެ. މި ސެންޓަރު ހުޅުވާނީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އުފަން ދުވަހާއި ދިމާކޮށް، އަންނަ އަހަރުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރިން ވަނީ ވިދާޅުވެފައެވެ.

މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން މި އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައެވެ.

ވިޒިޓާސް ސެންޓަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖެ އާއި ޖެހޭގޮތުން މަޢުލުމާތު ޙިއްސާކޮށް ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ ސެންޓަރެކެވެ. ފަތުރުވެރިންގެ އިތުރުން މި ސެންޓަރުގެ ބޭނުން، ސްކޫލް ދަރިވަރުންނަށްވެސް ހިފޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަލީ ވަހީދު ކުރިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ފުރަތަމަ ވިޒިޓް ސެންޓަރު، އަނގޮޅިތީމުގައި އަޅާއިރު، އެ ރަށަކީ ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި މުޙިންމު ބައިވެރިއެއް ކަމުގައި އާއި، އަނގޮޅިތީމުގައި އަންނަ އަހަރު މި ސެންޓަރު ހުޅުވުމުން، އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޑިމޮކްރެސީގެ ދަތުރު ފެނިގެންދާނެ ކަމަށެވެ.

މިފަދަ އިތުރު ވިޒިޓާސް ސެންޓަރުތައް ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި ވެސް ޤާއިމް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރީ

    ޢެހެން... ދެން އޭނަ މަރުވާއިރު ކޮންކަމެއް... މީ ބަަލަ ޖޯކެއްތަ. އޭނަ އުފަންދުވަސް ވީމަ ކަންކަމެއް!?

    14
  2. ރާކަނި

    9 ވަނަ ހަސަން ރަސްގެފާނަށްފަހު މިޤަވްމުދުށް އެންމެ ލާދީނީ އަދި އެންމެބޮޑު ޚާއިނުގެ ނަމުގައި ތަންތަން ހުޅުވުމަކީ ޖައްބާރުން ކުރާޒާތުގެ ކަންކަން. އިންޝާ ﷲ ތިޔަތަން ހުޅުވުމުގެ ފުރުސަތު ﷲ ނުދެއްވަވާށި. އާމީން.

    25
    1
  3. ކަޓުނައި

    ފިރުއައުނާއި ހާމާނުގެ ގަނޑުވަރު ފަދައިން މިކަލޭގެ ގަނޑުވަރު ދާނީ އަޑިއަށް .

    18
    1
  4. ކުބޭ

    ޑިމޮކްރަސީއަށްކުރި ދަތުރުގައި އަނގޮޅިތީމު ، މުހިންމު ބައިވެރިއަކަށްވީ އަންނި ވައްކަންކޮށްގެން އެރަށަށް އަރުވާލީމާ.

    5
    1