އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ބޮޑުކުރުމަށް ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ހިމަނާފައި ވާތީއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވަނީ އޭޑީއެފްގެ ގޮތުގައި ނަގާ ޓެކްސް، ގިންތިކޮށް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑު ކުރުމަށެވެ.

ބަޖެޓުގައި ހިމަނާފައިވަނީ ބިޒްނަސް ކްލާހުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ނަގާ ފީ 60 ޑޮލަރަށް ބޮޑު ކުރުމަށެވެ. އަދި ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނެގުމަށެވެ. މިހާރު ދިވެއްސެއްގެ އަތުން ނަގަނީ 12 ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ. އިސްލާހު ހުށަހަޅާފައިވާ ބިލަށް ފީ ދައްކަން ނުޖެހެނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ބަޖެޓްގައި ފިނޭންސް މިނިސްޓްރީ ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އޭޑީއެފް ރޭޓްތަކަށް ބަދަލު ގެނެވޭ ގޮތަށް ގާނޫނޫ އިސްލާހުކޮށް ދިނުމަށް އެދިފައެވެ. އަދި އެ ބަދަލާ އެކު ބަޖެޓަށް އިތުރަށް 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ބުރާސްފަތި ދުވަހު ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޫތު

    ފާޑުފާޑު ޓެކުސް ނަގާއިގެން ބޮޑުމަގާމުގައި ރައްޓެއްހިން ބަހައްޓާއިގެން ބަހާލަނި.....

    15
  2. އަހުން

    ދެން ރާއްޖެއިންބޭރަކަށް ނުދާނަން ރަށްރަށައްވެސްދާނީ ކަނޑުބޯޓުފަހަރުގަ .

    11
  3. އަހުން

    ޓެކުސްނަގައިގެން މިވެރިން ރައްޔަތުން ހަނާއަރުވަނީ މިވަރުންދަންޏާ ރަށުގައި އުޅޭތީވެސް މިވެރިން އަދި ޓެކުސްނަގާނެ .

  4. މިއަދު

    ބަޖެޓްބޮޑު އަންނަފަތުރުވެރިންގިނަ ލިބޭފައިސާގިނަ ހަމަފެލަނީ ރަޢިއްޔަތުން

  5. ބުނަން.....

    ތި ފީވެސް، އެ ފީވެސް، މި ފީވެސް، ކޮފީވެސް ބޮޑުކޮށްގެންތާ އަންބޮނޑި ބޮޑުކުރެވޭނީ
    މިފަހަރު އަހަރެމެން ފަނިގިރޭލާނެ

  6. ނަސީދު

    ވޯޓް ދީފަކާދެން ތިވާހަކަދައްކާނެކަމެއްނެތް ދިޔައޮތީއަތައްގޮވާފައި