ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާިހމް މުހައްމަދު ސޯލިހް ވެރިކަމަށް އަރައިވަޑައިގެން އުފެއްދެވި ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން)ގެ ރައީސް ކަމުގައި ހުންނަވައިގެން އިންސާފު ހޯދައި ނުދެވޭ ނަމަ އެކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގެ ޒިންމާ އަދާކުރެވޭނެ ކަމާއި މެދު ޝައްކު އުފެދޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއް ސުއޫދު އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔާއި އެކު ރައީސް މަޖިލީހަށް ފޮނުވާފައިވާ މައްސަލަ އާއި މެދު މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އިން ނިންމި ނިންމުމާއި ބެހޭ ގޮތުގެ ރިޕޯޓު ހުށަހަޅައި އެކަމަށް ބަހުސް ކުރެއްވުމަށް ހުޅުވާލުމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އެންމެ އަނިޔާވެރިކޮށް މާރާލެވިފައިވާ އެކަކީ އަހުމަދު އަނަސް ކަަމަށާއި، އޭނާގެ މައްސަލަ އަށް މިހާތަނަށް ހައްލެއް ހޯދައިދީފައި ނުވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ފަދަ ޒިންމާދާރު މަގާމެއް އަދާކުރެވޭނެ ކަމާއި މެދު ޝައްކު އުފެދޭ ކަމަށެެވެ.

އާދަމް ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓަކީ ޝަރުއީ ދާއިރާގައި އެންމެ ފަހުބަސް ބުނާ މަރުހަލާ ކަމަށް ވުމުން އެކޯޓަށް އައްޔަން ކުރަން ޖެހޭނީ ހަރުދަނާ މީހުން ކަމަށެވެ.

"ސުޕްރީމް ކޯޓަކީ ޝަރުއީ ދާއިރާގައި އެންމެ ފަހުބަސް ބުނާ މަރުހަލާ. އެމަރުހަލާ އަށް ރަނގަޅު ބަޔަކު އައްޔަން ކުރުމަކީ ޝަރުއި ދާއިރާ ހަރުދަނާ ވާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މަޖިލީހުގައި ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސުޕްރީމް ކޯޓަށް އައްޔަން ކުރާ މީހުންނަކީ ކިހާވަރެއްގެ ގާބިލަކަމެއް ހުރި ބައެއްތޯ ބެލުން މުހިންމު ކަމަށާއި، އެކޯޓަށް އައްޔަން ކުރާ މީހުންނަށް އެކަމަށް ޒިންމާދާރު ވެވިގެން ވަގުތު ހުސްކުރެވިގެން ތިބެވޭ މިންވަރުވެސް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެބޭފުޅަކީ ސިޔާސީ މީހަކަށް ނުވުމަކީ ވެސް މުހިންމު ކަމެއް ކަމަށް އާދާމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

"އަލްއުސްތާޒް ހުސްނުއް ސުއޫދަކީ މޮޅު ބޭފުޅެއް. ތަޖުރިބާކާރު ބޭފުޅެއް. އެހެން ނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުން އޮތީ އެމަނިކުފާނަކީ ވަރަށް ބޮޑަށް ސިޔާސީ ކަންކަމުގައި ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާ ސިޔާސީ ބޭފުޅަކަށް ވާކަން. އަދި ހަމަ އެއާއި އެކީގައި އަޅުގަނޑު އެއަށްވުރެ ކަންބޮޑުވަނީ ސިޔާސީ ބޭފުޅަކު މިކަހަލަ މަގާމަކަށް ހުށަހެޅުއްވީތީ" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެން ނަމަވެސް ޖުޑީޝަރީ ކޮމެޓީ އިން މައްސަލަ ނިންމައިފައިވާ ގޮތަށް އާދަމް ޝަރީފް ވަނީ ތާއިދުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަންސޫރަ

    އަޚުލާގު ރަނގަޅު މޮޅު މަޑުމައިތިރި ރީތިކޮން ވާ ހަކަ ދައްކާ ބޭފުޅެއް

    2
    8
  2. ފިލާވާޅު

    100ގެ ވާ ހަކަޔެއް

  3. ?? ރޮނޑާ

    ނިކަމެތި ރައިއްޔަތުންގެ ދަތްދޮޅި ދުއްވާލަން ބުނި މީހަކު މަޖްލިސް ތެރެ އައް ވަދެ ހުރެ ވާހަކަ ދައްކަނީ ލަދު ކުޑަ ކަމުން. ތީ ވެސް ގައުމު ހަރާބު ކުރަން އުޅޭ އެކަކު.??