ބީލަމަށް ނުލައި މަޝްރޫތައް ހަވާލު ކުރެވެން މިހާރުގެ ގާނޫނުގައި އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.

މިއަދު އޭސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭސީސީގެ ލީގަލް އޮފިސަރ އާދަމް ޝާމިލް ވިދާޅުވީ އޭސީސީ އިން މަސައްކަތް ކުރަމުން ދަނީ އެކޮމިޝަނުގެ މައްޔަށް އޮންނަ ވާޖިބުތަކުގެ ދަށުން މާލިއްޔަތު ގާނުނުގެ 10.27 މާއްދާގައިވާ ކަންކަން އިސްލާހު ކުރުމަށް ކަމަށެވެ. އެގޮތުން ދައުލަތުގެ ޕްރޮކިއުމެންންޓް ނިޒާމުގެ ތެރޭގައި ހުންނަ ބައެއް ކަންކަން އިސްލާހު ކުރެވި ކޮރަޕްޝަނާ ދުރުހެލި ބަދަލުތަކެއް މި ގަވައިދު އިސްލާހު ކޮށްގެން ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، މިހާރު އެ ގަވައިދުގެ ދަށުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރެވިދާނެހެން އޮތް ބައެއް ކަންކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާއި، މިހާރު އެމައްސަލަތައް ކަރުދާހެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކަަމަށެވެ.

ޝާމިލް ވިދާޅުވީ 10.27 ވަނަ މާއްދާ އަކީ މިހާތަނަށް އެކި ފަހަރެއްގެ މަތިން ބަދަލުވެސް ވެފައި އޮންނަ މާއްދާއެއް ކަމަށެވެ. އަދި އެމާއްދާއަށް ބަދަލު ގެންނަން ބޭނުން ވަނީ ކޮރަމްޝަނުގެ ރިސްކް އޮތުމާއި އެކު ދައުލަތުގެ މުއައްސަސާތަކުން ބިޑަށް މަޝްރޫތައް ދޫކުރުމުގައި ވީހާވެސް ދެފުއް ފެންނާނެހެން ކުރުމުގެ ފުރުސަތު ހުޅުވައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އޭނާ ވިދާޅުވީ މިހާރު އެ މާއްދާގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޖަމިއްޔާތަކާއި ކޮންމެ ފަދަ މަސައްކަތެއްވެސް ހަވާލު ކުރެވިދާނެ ކަމަށާއި އެހެން އެކަން އޮތުމުގެ ސަބަބުން ބައެއް މަސައްކަތްތައް ނުކުރެވި ގިނަ ދުވަސް ނެގުމާއި ކުރާ މަސައްކަތްތަކުގެ ކޮލެޓީ ދަށްވުން ހިމެނޭ ކަމަށެވެ.

އެހެން ކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުން ނިންމައިގެން އާސަންދަ ކުންފުންޏާ ހަވާލުކޮށް ރަސްފަންނުގައި ދުވާ ޓްރެކެއް އެޅުމާއި، މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ގާއިމް ކުރުމަށް ކުންފުންޏަކާއި ހަވާލު ކުރުމާއި، ރައީސް ހުވާ ކުރުމުގެރަސްމިއްޔާތު ބޭއްވުމަށް ގަލޮޅު ދަނޑުގައި ސައުންޑް ސިސްޓަމެއް ގާއިމް ކުރުމަށް ހަވާލުކުރުން ހިމެނެއެވެ.

މީގެ އިތުރުން މިނިސްޓަރ ލެވެލްގައި ޕްރޮކިއުމަންޓް އެވޯޑު ކުރވޭނެހެން މިހާރު އޮތް އޮތުމަކީ ގޯހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިހާރު އޮތް ގޮތުން ފިނޭންސް މިނިސްޓަރަށް ދައުލަތުގެ އެހެން ކުންފުނިތަކާއި އަދި މިނިސްޓްރީތަކާއިވެސް ބޭނުންވާ މަަސައްކަތެއް ހަވާލު ކުރެވޭނެ ފުރުސަތު އެމާއްދާ މެދުވެރިކޮށް ލިބޭ ކަމަށެެވެ.

މިހާރު އޮތްގޮތުން ކޮންމެ ކުންފުންޏެއްގެވެސް ވެރިޔާ އާންމުކޮށް ހުޅުވާ ނުލައި ބީލަމަށް ބީލަން ހަވާލުކޮށްފައިވާ ސަބަބު ފިނޭންސް މިނިސްޓަރަށް އެންގުމުން، އެކަމަށް މިނިސްޓަރގެ ހުއްދައެއް ލިބިއްޖެ ކަމުގައިވާނަމަ ބީލަމަށް ހުޅުވާ ނުލައި ކުންފުނިތަކާއި މަސައްކަތް ހަވާލުކުރެވެން މިހާރުގެ ގަވައިދުގައި އޮތް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ..

އަދި ބޭރުގެ ހިލޭ އެހީއެއް ލިބިއްޖެ ނަމަ ނުވަ ވަޒީރުންގެ މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިން ބީލަމަށް ހުޅުވާ ނުލައި ދޫކުރެވެން އޮންނަ ކަމަށާއި، އެކަމުގެ ސަބަބުން، ބޭރުގެ އެހީތައް ނުލިބުމުގެ އިތުރުން ކުރާ މަސައްކަތްތަކުގެ ދެފުށް ނުފެންނަ ކަމަށް އޭސީސީ އިން ވަނީ ވިދާޅުވެފައެވެ.

މިފަދަ ކަންކަމުގެ ސަބަބުން "ލީގަލް ކޮރަޕްޝަން"ގެ ގޮތުގައި ބައެއް ކަންކަން ކުރެވެން އޮންނަ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. އަދި މިކަމްކަން އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޭސީސީ އިން މައުލޫމާތު ދެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    2013 ގައި ހުވާ ކުރެއްވި ރައީސް ދަރުބާރުގޭގައި ހުވާ ކުރައްވައިގެން ވެސް ހީވީ އެހެން ކަމެއް ހެން ބަލަ 2018 ގައި 15 މިލިއަން ރުފިޔާ ހަރަދު ކޮށްގެން މިރާއްޖޭގެ ތާރީޚްގައި ނުބާއްވާވަރުގެ ޚަރަދު ބޮޑު ރަސްމިއްޔާތެއް ބޭއްވީމާ ހަމަ އޭސީސީ ވެސް ނިދާފައި ބަލަ މިހާރު އޭސީސީން އެއް ކަމެއް ވެސް ނުކުރެވޭނެ އަންހެނުން ވެރިންނަށް ތިބީ އަބަދު ރައީސް އޮފީހާ ވަޒީރުން ގުޅާ ދަނީ ބިރުދައްކަމުން ހަމަ ބޭނުން ވީމާ ކުރީ ސަރުކާރެއްގެ ވާޒީރެއްގެ ވާހަކަ ވެސް ހާމަ ކޮށްލަ ފާނެ ވަރަށް ހެއްވާ ކޮށް މިހާރުކަންކަން ވަނީ އަންހެން ދެވެރި ތިބެނީ ހީސް ލެވޭ ވަރު ވެފައި ބިރުން ރޫރޫ އަޅަ އަޅާ

    5
    3