މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 11 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ހޯދަން ދަޢުލަތުގެ ފަރާތުން މިއަދު ފެމިލީ ކޯޓަށް އެ މައްސަލަތައް ހުށަހަޅައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން (އޭޖީ އޮފީސް) މިއަދު މިކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 6 މަހާއި، 13 އަހަރާއި ދެމެދުގެ 11 ކުއްޖަކީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދަޢުލަތާ ހަވާލުކޮށްދިނުމަށް އެދި އެކަން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ބަންޑާރަ ނައިބު އޮފީހުގެ ބަޔާނުގައި ހާމަކޮށްފައިވާގޮތުގައި، 11 ކުއްޖަކު ދަޢުލަތުގެ ބެލުމުގެ ދަށުން ޖެންޑަރ އެންޑް ފެމިލީގެ ދަށަށް ގެނެވިފައިވަނީ އެކުދިން ބެލެހެއްޓުމުގެ ޒިންމާއާ އެކުދިންގެ މައިންބަފައިން ޙަވާލުވުމަށް އިންކާރުކޮށްފައިވާތީ ނުވަތަ މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީ، އަދި އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވާނެ އެ ކުދިންގެ ޢާއިލާގެ އެއްވެސް މެންބަަރަކު ހަމަޖެހިފައިނުވާތީ، އެ ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.

މި ކުދިންގެ ތެރޭގައި 1 އަހަރުން ދަށުގެ 3 ކުދިންނާއި، 1 އަހަރާއި 2 އަހަރާ ދެމެދުގެ 4 ކުދިންނާއި، 2 އަހަރާއި 5 އަހަރާ ދެމެދުގެ 3 ކުދިންނާއި، 13 އަހަރުގެ ކުއްޖެއްގެ މައްސަލަ ހިމެނޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. މިކުދިންގެ މައިންބަފައިންގެ ތެެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެ އޮފީހަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވިއެވެ.

11 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ހޯދުމުގެ މައްސަލަ މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާއިރު، މިހާރުވެސް ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓުގައިކުރިއަށްދާ 18 މައްސަލައެއް ކުރިއަށްދާ ކަމަށް އެ އޮފީހުން ހާމަކުރިއެވެ.

އޭޖީ އޮފީހުން ވިދާޅުވި ގޮތުގައި ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ޙައްޤެއްކަމަށާއި، ބުނެވިދިޔަ ޙައްޤު ޙިމާޔަތްކޮށް ކުރިއެރުވުމަކީވެސް ދައުލަތުގެ ވާޖިބެއްކަމުގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމަޢުން ނުވަތަ ޢާއިލާއިން އިހުމާލުވާ ޙާލަތުގައި، އެކުދީންނަށް ޚާއްޞަ ރައްކާތެރިކަމާއި، ޚާއްޞަ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ ދަށުން ދައުލަތަށް ލާޒިމްވާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކަދުރޭ

  ކޮބާތޯ އެމީހުންނަކީ؟ ނަން ހަމާކުރޭ؟ ތިބިތަނަކުން ހިފާ ހައްޔަރުކޮށްގެން ވެސް ގެންނާނަން.

 2. އިސްކިން ޓޯޓޯ

  އަޅެފަހެ ފުކެއްބޮޑުވަރުދޯ ތެޅިފޮޅޭ އިރު ހޭ ބަހައްޓައިގެން އުޅޭނަމަދޯ މިވަރު ވާކަށް ނުޖެހުނީސް

 3. Anonymous

  މިކަމުގަ ޖެންޑާ ގެ އިހުމާލު ވެސް ވަކި ކުޑަ އެއްނޫން. ހަމަ ވިހާއިރަށް ކުއްޖާ ޖެންޑާޢަށް ނެގޭ. އަޅެ ކީއްތަ ވާނީ އެކުދިން ވިހާ މީހުން ޒިންމާ ދާރު ކުރަން.

 4. އިހުމާލު

  ޖެންޑާ އިން ވެއްޖެ އެއްނު އެ ދަރިންގެ މައިންބަފައިން ޒިންމާދާރު ބަޔަކަށް ހަދަން