ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވާފައިވަނީ އާޖެންޓީނިއަން ރިޕަބްލިކާއި ރިޕަބްލިކް އޮފް ސައިޕްރަސްގެ އިތުރުން ދަ ކިންގްޑަމް އޮފް ދަ ނެދަލޭންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުންނެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ވަނީ އާޖެންޓީނާގެ އާ ސަފީރު މިސްޓަރ ޑެނިއަލް ޗުބޫރޫއާއި ސައިޕްރަސްގެ އާ ސަފީރު، މިސްޓަރ އެގިސް ލޮއިޒޫ އަދި ނެދަލޭންޑްސްގެ އާ ސަފީރު، އެމް. އެސް. ޓާންޔާ ހޮންހުރައިޕާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ.

އާޖެންޓީނާގެ އާ ސަފީރު، ޑެނިއަލް ޗުބޫރޫ އާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކުގެ މައްޗަށް ރައީސް އަލިއަޅުއްވާ ލައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިޤްތިޞާދުގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާޖެންޓީނާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމާއި ގްރީން އެނަރޖީގެ ޕްރޮޑަކްޓްތައް ތަޢާރަފް ކުރުމުގެ އިތުރުން އާޖެންޓައިން ފަންޑް ފޮރ ސައުތު-ސައުތު އެންޑް ޓްރޭންގިއުލަރ ކޯޕަރޭޝަންގެ ތެރެއިން ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮމޯޓް ކުރުމާމެދު ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސައިޕްރަސްގެ އާ ސަފީރު، މިސްޓަރ. އެގިސް ލޮއިޒޫ އާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި ވަނީ ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ. އެގޮތުން، ވިޔަފާރިއާއި ޓޫރިޒަމްގެ އިތުރުން ތިމާވެއްޓާއި ތިމާވެށީގެ ދާއިރާއިން ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ސައިޕްރަސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއަށް އެހީތެރިވެދިނުމަށް ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފައެވެ.

ނެދަލޭންޑްސްގެ އާ ސަފީރު، އެމް. އެސް. ޓާންޔާ ހޮންހުރައިޕާއިއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 40 އަހަރު ވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ނެދަލޭންޑްސްގެ ފަތުރުވެރިންގެ އަދަދު ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމު ގުޅިގެން ކުރިޔަށް ދިއުމާއި، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.