މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކައުންސިލެއް އުފައްދަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.

މި ބިލުގެ މަޤުސަދުތަކުގައި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން، ދިވެހިންނާއި ދިވެހިރާއްޖެއަށް ލިބިގެންވާ ޤުދުރަތީ ދިރުންތަކާއި އެހެނިހެން ވަސީލަތްތައް ވެސް ހިމެނޭ ގޮތުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ފާހަގަކުރައްވާފައިވެއެވެ.

މި ބިލުގައިވާ ގޮތުން މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޤައުމީ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހެއެވެ. އަދި އެ ކައުންސިލުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ޤައުމީ ސިޔާސަތުތަކާއި ގަވާއިދުތަކާއި ޕްލޭންތައް ހަދައި ހިންގުމުގައި މިނިސްޓްރީއަށް ލަފާ ދޭން ޖެހޭ ކަމަށް ބިލްގައި ވެއެވެ. އަދި މި ކައުންސިލްގެ ބައްދަލުވުންތައް އަހަރަކު މަދުވެގެން ދެ ފަހަރު ބާއްވަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލުގައިވާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ދުރު ރާސްތާ އަދި މެދު ރާސްތާ ޕްލޭންތަކެއް އެންވާރަމެންޓް މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޤައުމީ އެކްޝަން ޕްލޭނެއް ވެސް އެކުލަވާލަން ޖެހެ އެވެ.

މީގެ އިތުރުން މި ޤާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފަންޑެއް ޤާއިމުކުރަން ޖެހޭ ކަމަށް މި ބިލުގައި ވެއެވެ. ފަންޑު އެކުލަވާލުމުގައި އެހެނިހެން ގައުމުތަކުގައި ހިނގާ މިފަދަ ފަންޑުތަކަށާއި އެކަންކަމާ ގުޅޭ ބެސްޓް ޕްރެކްޓިސް އަށް ރިއާޔަތް ކުރަން ވާނެ ކަމަށް ވެސް ބިލްގައިވެ އެވެ.