އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 30 ދައުވާގެ ތެރެއިން 11 މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ. މި ހުރިހާ ޝަރީއަތެއްވެސް ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހު ހެނދުނު 10:00 އަށެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ 30 މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކުގައި ޒިޔަތު ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މި މައްސަލަތަކުގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ހާމަކުރި މައުލޫމާތަށް ބަލާއިރު،އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 30 ދައުވާތަކުގައި ހިމެނޭ ފައިސާގެ އަދަދު 721 މިލިއަން ރުފިޔާއަށް އަރައެވެ.

ދައުލަތުން ޒިޔަތުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ފަޅު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ ފައިސާގެ ޗެކްތަކާ ޒިޔަތު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރެ ހަވާލުވެފައިވީ ނަމަވެސް، އެ ފައިސާ އެމްއެމްޕީއާރްސީއަށް ލިބިފައިނުވާ ކަމަށްބުނެއެވެ.

މި މައްސަލަތަކުގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ޒިޔަތުގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވެފައިވަނީ، ފަޅު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުން އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ އެމްއެމްޕީއާރްސީގެ ނަމުގައިހުރި ފައިސާގެ ޗެކްތަކާ ޒިޔަތު ހަވާލުވެފައިވާނެކަމަށާއި، އެ ޗެކްތައް ހަވާލުކުރީ ހިޔާނާތްވުމުގެ ނިޔަތުގަ ނޫން ކަމަށެވެ. އަދި ޗެކްތައް ލިބުނު ކަމުގެ ހެއްކެއްގެ ގޮތުން ޕްރޫފް އޮފް ޕޭމަންޓް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ފޮނުވާފައިވާނެ ކަމަށްވެސް ޒިޔަތުގެ ވަކީލް ވިދާޅުވެފައިވެއެވެ.

އެ ހުރިހާ ފައިސާއެއް ވެސް އެސްއޯއެފް ކުންފުންޏަށް ޖަމާވެފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތުމުން، އެމްއެމްޕީއާރްސީގެ ނަމުގަ ހުރި ޗެކްތަކެއް އެސްއޯއެފް ކުންފުންޏަށް ޖަމާވެފައިވަނީ އެމްއެމްޕީއާރްސީއިން ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާ ބޯޑް އޮފް ރިޒޮލިއުޝަނާ ހިލާފަށްކަމަށްވާތީ، އެ ފައިސާތައް އެމްއެމްޕީއާރްސީގެ ގަވައިދުތަކާ ހިލާފަށް ޒިޔަތު ބޭނުންކޮށްފައިނުވާކަން ހާމަވާކަމަށްވެސް ޒިޔަތުގެ ވަކީލް އިބްތިދާއީ އަޑުއެހުމުގައި ބުނެފައިވެއެވެ.

721 މިލިއަނަށްވުރެ ގިނަ ފައިސާގެ ހިޔާނާތް އެކުލެވޭކަމަށް ދައުލަތުން ބުނާ މި 30 މައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ އެ ފަޅު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުންތަކާއި ޗެކްތަކާއި ޗެކް ލިބުނު ކަމުގެ ސްލިޕްތަކުގެ އިތުރުން ސިއްރު ހެކިންވެސް ހުށަހަޅާފައެވެ. ވަކިވަކިން ކޮށްފައިވާ މި ހުރިހާ މައްސަލައެއްގައިވެސް ދައުލަތާއި ޒިޔަތުގެ ފަރާތުންވެސް މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމަށް ފުރުޞަތު ދީފައެވެ.

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 30 ދައުވާގެ ތެރެއިން 11 މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު، ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާއަށް ހިޔާނާތްތެރިވީކަން ސާބިތުވެ ޒިޔަތު މިހާރުވެސް ގެންދަވަނީ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުނޫޒު

    ޒިޔަތު ހޫމް ތި ލާރި ގަނޑުބޭނުންކުރާ ބަޔަކުވެސް ބަލަންޖެހޭނު. އޭނަޔަށް އަދަބު ދިނަސް ތި ފައިސާ އޭނަ ދީގެން ބޭނުން ކުރާމީހުން އެބައުޅޭ. ދެ އަނބިން ނާއި އެމީހުންނާ ގުޅޭ އާއިލީ ވިޔަފާރި ތައް ނިކަން ޗެކްކޮށްބަލަ.