ކުށް މަދުކުރުމަށްޓަކައި ފުލުހުން ކުރަމުން އަންނަ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހޭލުންތެރި ކުރުމުގެ ޚާއްސަ ސެޝަނެއް މިހާރު ކުރިޔަށްދާ ޤައުމީ ކެޑެޓް ކޭމްޕުގައި ކުރިޔަށް ގެންގޮސްފިއެވެ.

ކުށުގެ ވެށިން ކުޑަކުދިންނަށް ލިބޭ ގެއްލުންތަކާއި ކުޑަކުދިންގެ ފަރާތުން ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރުމަށްޓަކައި ކަންކަން ކުރާނޭ އެންމެ ރަނގަޅު ގޮތްތަކުގެ މަޢުލޫމާތު ކޭމްޕުގެ ބައިވެރީންނަށް ފޯރުކޮށްދެވުނެވެ. މުޖުތަމަޢުގައި ކޮންމެ ކުއްޖަކީވެސް ޤާބިލު ކުއްޖަކަށް ވުމަށްޓަކައި އުޅުމާއި އަޚުލާޤު ބައްޓަން ކުރަންވީ ގޮތްތައް ކުދީންނަށް ބުނެދެވުނެވެ. މީގެ އިތުރުން މަދްރަސީ ދައުރުގައި ދަރިވަރުން ކޮންމެހެން ފަރުވާތެރި ވާންވީ ކަންކަމުގެ މައްޗަށް އަލިއަޅުވާލައި މަޢުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

ފުލުހުންގެ މި ސެޝަން ކުރިއަށް ގެންގޮސްފައިވާ 21ވަނަ ޤައުމީ ކެޑެޓް ކޭމްޕުގައި ރާއްޖޭގެ އެކި ހިސާބުތަކުން އަންހެން 30 ބައިވެރީންނާއި 88 ފިރިހެން ބައިވެރީން، ޖުމްލަ 118 ބައިވެރީން ހިމެނެއެވެ.

ކުށް މަދު ވެއްޓެއް ބިނާކޮށް ޤާއިމު ކުރުމަށްޓަކައި ފުލުހުން އަންނަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު