ތަފާތު ކުރުމެއް ނެތި ހުރިހާ ކުޅިވަރަކަށް ވެސް މި ސަރުކާރުން އެހީ ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިފަދައިން ވިދާޅުވީ، ސައުތު އޭޝިއަން ގޭމްސްގައި މެޑެލް ހޯދި އެތްލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް ޓީމުގެ އެތުލީޓުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރުމަށް ސަރުކާރުން ދޭން ޖެހޭ އެންމެހާ އެއްބާރުލުމެއް ދޭނެ ކަމަށާއި، ކުޅިވަރަކީ ޤައުމަށް ފައިދާ ހުރި ކަމެއް ކަމަށެވެ.

"އެހެންކަމުން، ކުރިއަށް އޮތް ތަނުގައިވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަޅުގަނޑު މި އަރުވަނީ، ސަރުކާރުން ވެދޭ އެހީތަކާއި، ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް، ހުރިހާ ކުޅިވަރަކަށް، ތަފާތުކުރުމެއްނެތި އަޅުގަނޑުމެން ދޭނެ ވާހަކަ" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކުޅިވަރުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖިންސީ ތަފާތު ކުރުންތައް ނުގެންގުޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ޖިންސެއް ތަފާތުކުރުމެއްނެތި، ކުރިންވެސް ދެންނެވި ފަދައިން، ހުރިހާ ކުޅުންތެރިންނަށް، ހުރިހާ އެތުލީޓުންނަށް އެހީތެރިވެދޭން ތައްޔާރަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފިރިހެން ކުޅުންތެރިންނެކޭވެސް އެއްފަދައިން އަންހެން ކުޅުންތެރިން ހޯދަމުން އަންނަ ކާމިޔާބީތައް އިތުރުވަމުން އަންނަ ކަމަށާއި، އެކަމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކާމިޔާބެއް ހޯދުމަށްޓަކައި ކޮންމެހެން އެއީ ބޮޑު ޤައުމަކަށްވާން ނުޖެހޭ ކަމަށާއި ބޭނުންވަނީ ރަނގަޅު ޕްލޭނެއް އޮވެގެން ކުރިއަށްގޮސް ރަނގަޅު ޓްރޭނިންގ ހޯދައިދީ ފެސިލިޓީޒްތައް އިތުރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިހު ވަނީ ކާމިޔާބީ ހޯދުމަށްޓަކައި އެންމެ މުހިންމު، އެއްޗަކީ ރަނގަޅު އަޚްލާޤު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    އެހެން ވެގެނެއްނު ކަލެއާ ނަސީދުއާ ތި ކުޅިކުޅެނީ ރައްޔިތުންގެ ބޭތުލްމާލު އެކީހުސްރުވާލަނީ ނަރުނަގޫމަޑި ދައްކާވާހަކަ ހަޔާތްކުޑަ ފުރޭތަ