ވޭތުވެދިޔަ އަހަރު ތަކުގައި ޑެންގީ ހުން ޖެހިފައިވާ މިންވަރަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ވޭތުވެދިޔަ އަހަރުތަކުގައި ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު މިއަހަރުގެ މިހާތަނަށް އިތުރުވެފައިވިނަމަސް މިއަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު ނޮވެމްބަރު މަހު ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށް ކަމަށެވެ.

އެގޮތުން މިހަރުގެ އޮކްޓޯބަރު މަހުގައި ޑެންގީ ޖެހިގެން 369 ކޭސް ރިޕޯޓް ކޮށްފައިވާއިރު ނޮވެމްބަރު މަހުގައި ރިޕޯޓް ކޮށްފައިވަނީ 366 ކޭސްއެވެ. އަދި މިއަހަރުގެ މިހާތަނަށް 4141 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށާއި ޑެންގީ އާއި ޗިކުންގުންޔާފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަރިދަފުސް ރޯގާއަށް ބަލާއިރު ވޭތުވެދިޔަ އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު މަދުކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އޮކްޓޯބަރު މަހާ އަޅާ ބަލާއިރު ނޮވެމްބަރު މަހުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދުވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އަރިދަފުސް ރޯގާ ޖެހިގެން މިއަހަރު މިހާތަނަށް 229،302 ކޭސްއެއް ވަނީ ރިޕޯޓު ކޮށްފައިވާއިރު، އިންފްލުއެންޒާ ހުރިތޯ ބެލުމަށް 1550 މީހަކު ވަނީ ޓެސްޓް ކުރެވިފައެވެ. މީގެ ތެރެއިން 553 މީހަކު ވަނީ ޕޮސިޓިވް ވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ސަލާމަތްވުމަށް، ސާފުތާހިރު ކަމާއި ރައްކާތެރިކަމަށް އިސްކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.