ކުށްމަދު ވެއްޓެއް ގާއިމު ކުރުމަށްޓަކައި ފުލުހުން އަންނަނީ އެކިއެކި ޙަރަކާތްތަކާއި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކާއި ކިލާސްތައް ނަންގަވައި ދެއްވަމުންނެވެ. އެ ގޮތުން މި ވަގުތު ޔޫތު މިނިސްޓްރީގެ ފަރާތުން ކައުންސިލްތަކުގެ ސްޕޯޓްސް ކައުންސިލަރުން ތަމްރީނު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފިޓްނަސް އިންސްޓްރަކްޓަރ ކޯހުގެ ބައިވެރިންނަށް ވެސް ފުލުހުން ވަނީ އަމާން މުޖުތަމަޢެއް ބިނާ ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށްޓަކައި ޚާއްސަ ސެޝަންތަކެއް ބާއްވާފައެވެ. މި ސެޝަންތަކުގައި ދެވުނު މަޢުލޫމާތުގެ ތެރޭގައި މުޖުތަމަޢު ބިނާކުރުމަށްޓަކައި ވަކިވަކި ފަރުދުންގެ ފަރުދީ ޒިންމާއާއި މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

ދޭދޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރާނޭ ކަންކަމުގެ މަޢުލޫމާތު ސްޕޯޓްސް ކައުންސެލަރުންނަށް ފުލުހުންގެ މި ސެޝަންތަކުގައި ހިންގި ތަފާތު ޙަރަކާތްތަކުގެ ތެރެއިން ބުނެދެވި މަޢުލޫމާތު ދެވިފައިވެއެވެ.


ދެ ދުވަސްމަތިން ކުރިއަށް ގެންދެވުނު މި ސެޝަންތަކުގައި ބައިވެރިންގެ އަޚުލާގާއި ސުލޫކު ބައްޓަން ކުރާންވީ ގޮތާއި މުޖުތަމަޢުގެ ފަރުދުންގެ ކިބައިގައި އަދަބު އިޙުތިރާމު ހިފަހައްޓުމަށްޓަކައި ކޮންމެހެން ކުރާންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މުޢާމަލާތް ކުރުމުގެ ހުނަރުތަކާއި އެހެންމީހުން ގޮވައިގެން މަސައްކަތް ކުރުމުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި ގުޅުން ބަދަހިކުރުމަށްޓަކައި ބޭނުންވާ ޓީމު ބިލްޑިން ޙަރަކާތްތަކެއް ވެސް ފުލުހުންގެ ފަރާތުން ސްޕޯޓްސް ކައުންސެލަރުންނަށް ހިންގާފައި ވެއެވެ.
މީގެ އިތުރުން މަގުމަތީގެ އަދަބުތަކަށް ހޭލުންތެރި ކުރުމަށާއި ޓްރެފިކާ ގުޅުންހުރި ގާނޫނުތަކަށާއި ޤަވާޢިދުތަކަށް އަހުލުވެރި ކުރުމުގެ ބައެއްވެސް މި ޙަރަކާތްތަކުގެ ތެރޭގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.

ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި ފުލުހުން ކުރަމުންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ސްޕޯޓްސް ކައުންސެލަރުންނަށް މި ހިންގި ސެޝަންތަކަކީ މުހިންމުކަން ބޮޑު، ނަތީޖާ ރަނގަޅުވާނޭ ސެޝަންތަކެކެވެ.

ޔޫތު މިނިސްޓްރީގެ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން 48 ސްޕޯޓްސް ކައުންސެލަރުން ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު