އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އަހަރެއް ވެެއްޖެ ކަމަށާއި، ވެރި ރަށް މާލޭގެ މަގުތަކުގެ ހާލަތަށް އައި އެއްވެސް ބަދަލެއް ނެތް ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭ ވެހި، މާލޭގައި ފެން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ސަރުކާރު ގެނައުމަށްވެސް ކެމްޕެއިންގައި ޙަރަކާތްތެރިވި، އަދި އިދިކޮޅު ފަރާތްތަކުން ބޭރުގައި އުފެއްދެވި އިދިކޮޅު އިއްތިހާދުގެ ލީޑަރު ކަން ވެސް ކުރެއްވި ޑރ. ޖަމީލު މިއަދު ވިދާޅުވީ ސަރުކާރަށް އަހަރެއްވެއްޖެ ކަމަށާއި، ރައްޔިތުން އަތުން ނުނަގާ ޓެކުހެއް ނެތް ކަމަށެވެ. ނަމަވެސް، ވެރިރަށް މާލޭގެ މަގުތަކުގެ ހާލަތު އަދިވެސް އޮތީ ކުރިންވެސް އޮތް ގޮތަށް ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރައްވާ، އޭގެ ބަދަލުގައި ކައުންސިލުގެ ބޭފުޅުން މިހާރުވެސް ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރުވާން ފަށައިފި ކަމަށް ތުހުމަތު ކުރެއްވިއެވެ.

"ފެންބޮޑުވުން މިހާރު މައްސަލައަކަށް ނުވަނީތޯ؟ މާލެ ސިޓީ ކައުންސިލް އިން ހުރިހާ ކަމެއް ނިމި ދެން އޮތް އިންތިޚާބަށް ތައްޔާރުވަނީ." ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލްގައި މިވަގުތު އޮތީ ވެރިކަން ކުރާ، އެމްޑީޕީގެ ސާފު މެޖޯރިޓީ އެކެވެ. މާލެ ސިޓީގެ މޭޔަރަކީ ޝިފާ މުހައްމަދު އެވެ. ޑެޕިއުޓީ މޭޔަރަކީ ޝަމާއު ޝަރީފް އެވެ.

ވިއްސާރައާއެކު، މާލޭގައި ކޮންމެ ފަހަރަކުވެސް ފެން ބޮޑުވުމުގެ މައްސަލަ ދިމާވެއެވެ. އެންމެ އެކަށީގެންވާ އަވަސް މިނެއްގައި ފެންގަނޑު ހިންދިގެން ނުދާ ކަމުގެ ޝަކުވާ ވެރިރަށް މާލޭގެ ރައްޔިތުން އަބަދުވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނަމްޕޫރީ

    އޭގެ ކުރީގެ 5 އަހަރުގެ ދައުރެއްވެސް ފުރިހަމަކުރި މީހަކު.މާލޭ މަގުތަކަށް ބަދަލު ނައީ ކީއްވެ.ޖަމީލު ކަލޭ ކޮސް ނުގޮވާ.ތީ މަގާމަށް ވެރިކަމަށް ތެޅޭ މީހެއް.ރައްޔިތުން ބަލައެއްނުގަނޭ.ގައުމު ދިރުވާނުލާ ވެރިކަންކުރާމީހުން އެކަންތައް ރަނގަޅުވުރާނަމަ ކީއްވާނީ.

  2. 🐠ރޮނޑާ

    ވާރޭ ވެހުނު ގަޑީ ގައި ދިޔަދޮއްވެ ހިފައިގެން ކަލޭ މަގު މައްޗައް ނިކުމެ އިންނަމަ ފެންބޮޑު ނުވީސް..ކޮސްނުގޮވާ ހުރޭ.